ޚަބަރު

ސެންޓް އާދަމް މަނިކު ކޯވިޑްގައި ނިޔާވެއްޖެ


މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓް އާދަމް މަނިކު ކޯވީޑް-19ގައި ނިޔާވެއްޖެއެވެ. ގ.ސެންޓުގެ އާދަމް އިބްރާހީމް (އާދަމްމަނިކު) އަވަހާރަވީ ކޯވީޑް-19އަށް ފަރުވާދެމުން އަންނަނިކޮށެވެ. އެނާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ. ނިޔާވި އިރުގެ ޢުމުރުފުޅަކީ 73 އަހަރެވެ.

މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 273އަށް އަރާފައެވެ. މިއީ މިބަލީގައި މިމަހު ނިޔާވި 11ވަނަ މީހާއެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯނާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށްބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2800އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 50 އަށްވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައިވެސް ރާއްޖެއިން ވަނީ 2800އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ބައްޔަށް ފަރުވާދެމުން އަންނަ މީހުންގެ ޢަދަދުވެސް 16،600އަށްވުރެ މައްޗަށް އަރައެވެ.