ޚަބަރު

ރިސެސްއަށްފަހު ސުޕްރީމް ކޯޓުގެ ފުރަތަމަ މައްސަލައަކަށްވެސް މަރުގެ މައްސަލައެއް


ސުޕްރީމް ކޯޓު ރިސެސްއަށްފަހު މާދަމާ އެކޯޓުގެ މަސައްކަތް ފެށުމަށް ތާވަލްކޮށްފިއެވެ.

ކޯޓްތަކުގެ ޤާނޫނުގެ 7ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، މިހާތަނަށް ސުޕްރީމް ކޯޓު އޮތީ ރިސެސްގައެވެ. ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުފާނުގެ ހުކުމަށްފަހުއެވެ.

ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ ވަގުތުގައި ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާނެއެވެ.

ރިސެސްއަށްފަހު މާދަމާ ސުޕްރީމް ކޯޓުގެ ފުރަތަމަ އަޑުއެހުމަކަށްވެސް ތާވަލްކޮށްފައިވަނީ ގަސްތުގައި މީހަކު މަރާލި މައްސަލައިގައި މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެކެވެ. މިމައްސަލައަކީ 2012 އަހަރުގެ ތެރޭގައި މާލޭގައި ވަޅިން ހަމަލާދީ ބިދޭސީއަކު މަރާލި މައްސަލާގައި ހުކުމްކޮށްފައިވާ ބިދޭސީ މީހާގެ ފަރާތުން އިސްތިއުނާފްކޮށްފައިވާ މައްސަލައެވެ.

ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ހުށަހެޅުނު ގިނަ މައްސަލަތަކެއް ނިންމާފައެވެ. އަދި ފާއިތުވެދިޔަ އަހަރަކީ ސުޕްރީމް ކޯޓުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމި އެއް އަހަރެވެ.