ދިވެހި ރައްޔިތުންގެ ނިންމުންތަކަށް އިންޑިއާއިން އަބަދުވެސް އިޙްތިރާމް ކުރާނެކަމުގެ ޔަޤީންކަންދޭކަމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު ރަޖީވް ސަހާރޭ ވިދާޅުވެއްޖެއެވެ. ޓީވީއެމްގެ ޓޯކް މޯލްޑިވްސް ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ސަހާރޭ ވިދާޅުވީ، 2013 ވަނަ އަހަރު އޭނާ ސަފީރުކަމާއި ޙަވާލުވެ ވަޑައިގަތް އިރު، ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން އޮތީ އެންމެ ފުރިހަމަ ގޮތުގައިކަމަށް ދެންނެވެން ނެތްކަމަށެވެ. ނަމަވެސް، އިންޑިއާގެ ސިޔާސަތަކަށްވީ ސަރުކާރާއި އަދި ސިޔާސީ ފަރާތްތަކުގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުންގެ ނިންމުންތަކަށް އިޙްތިރާމް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ، ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ފާގަތިވެގެން ދިޔުންކަމުގައި އޭނާ ވިދާޅުވިއެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވުމުގެ އިތުރުން، މި ގުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ސަހާރޭ ފާހަގަކުރެއްވިއެވެ. "ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކޮށްލެވޭ. މި ގޮތުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ވިސާއާއި ގުޅޭ ކަންތައްތައް ޚާއްޞަކޮށް ފާހަގަކޮށްލެވޭ. އިންޑިއާއިން މިހާރު މިވަނީ ވަރަށް ފަސޭހަ ވިސާ ސިޔާސަތެއް ޤާއިމްކޮށްފައި. އަދި، މި ސިޔާސަތުގެ ދަށުން ދިވެހިންނަށް ވަރަށް ފަސޭހައިން 'އޮން އަރައިވަލް' ވިސާ ލިބޭނެ އިންތިޒާމް މިހާރު މިވަނީ ހަމަޖައްސާފައި." ސަހާރޭ ވިދާޅުވިއެވެ. މީގެ އިތުރުންވެސް، ބޭސް ފަރުވާއަށް އިންޑިއާއަށް ދާ ދިވެހިންގެ އަދަދު އިތުރުވެފައިވާކަމަށާއި، އެ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަޖައްސާފައިވާކަން ސަހާރޭ ފާހަގަކުރެއްވިއެވެ. އަދި، ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް އިންޑިއާ އިޚްތިޔާރުކުރާ ކަމަށާއި، އިންޑިއާއާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން އޮތް ގުޅުން އެތައް ގުނައަކަށް އިތުރުވެފައިވާކަންވެސް ސަހާރޭ ފާހަގަކުރެއްވިއެވެ.