މެލޭޝިއާގައި ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބި، ވިޔަފާރިތަކަށް ރަނގަޅު ބަދަލެއް އަންނަން ފެށުމުން، އެ ޤައުމުގެ އިޤްތިޞާދަށް ފައިދާވާން ފަށާފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މެލޭޝިއާގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ރިޕޯޓުތަކުން ދައްކާގޮތުން ނިމިދިޔަ ކުއާޓަރުގައި އެ ޤައުމުގެ އުފެއްދުންތެރިކަން %3.6 އިތުރުވެފައި ވެއެވެ. މިދިޔަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އުފެއްދުންތެރިކަން %4.5 އިންސައްތަ ދަށަށް ދިޔަނަމަވެސް ފަހު ކުއާޓަރުގައި އެ ޤައުމުގެ އިޤްތިޞާދަށް ރަނގަޅު ބަދަލެއް އައިސްފައިވާކަން ހާމަވެއެވެ.
ފާއިތުވި 2 އަހަރު މެލޭޝިއާގެ އިޤްތިޞާދަށް އައިސްފައިވާ ބަދަލަށް ބަލާއިރު 2020 ވަނަ އަހަރު އިޤްތިޞާދީ ދުވެލި %5.6 ދަށަށް ދިޔައެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ޤައުމުގެ އިޤްތިޞާދު %3.1 ފުޅާވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު މެލޭޝިއާގެ އިޤްތިޞާދަށް ލިބުނު ކުރިއެރުމާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ނޫރު ޝަމްޞިއްޔާ މުޙައްމަދު ޔޫނުސް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ނަތީޖާއަކީ ޕެންޑަމިކުގެ ކުރިން 2019 ވަނަ އަހަރު ހޯދި އިޤްތިޞާދީ ކުރިއެރުމަށްވުރެ ދަށް މިންވަރެއް ކަމަށެވެ. އަދި ކޯވިޑް-19ގެ އައު ވޭރިއެންޓުތަކެއް ފެތުރެން ދިމާވެއްޖެ ޙާލަތެއްގައި އިޤްތިޞާދަށް ނުރައްކާވުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ފުރަބަންދުކުރުމުގެ ފިޔަވަޅެއް އިތުރަށް ނާޅާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.
މަރުކަޒީ ބޭންކުން ލަފާކުރާގޮތުގައި މި އަހަރު މެލޭޝިއާގެ އިޤްތިޞާދު %5.5 އާއި %6.5 އާއި ދެމެދުގައި ކުރިއަރާނެއެވެ. އިޤްތިޞާދު ރަނގަޅުކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައިމަހު އެ ޤައުމުގެ މަރުކަޒީ ބޭންކުން ނަގާ އިންޓްރެސްޓް ރޭޓް %2 އިން %1.75އަށް ތިރިކުރުމަށްފަހު، މި ޢަދަދަށް އަދިވެސް ބަދަލެއް ނުގެނެއެވެ.
އިންފްލޭޝަނާ ބެހޭގޮތުން ގަވަރުނަރު ވިދާޅުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފެލެމުން ދިއުމާއި، ސަޕްލައި ޗެއިންތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން މެލޭޝިޔާގައިވެސް އިންފްލޭޝަން މެދުމިނުގައި ހިފެހެއްޓިފައި ހުންނާނެކަމަށް ލަފާކުރި ނަމަވެސް ކަންބޮޑުވާ މިންވަރަށް އިންފްލޭޝަން އުފުލިގެން ނުދާނެކަށެވެ.
މެލޭޝިއާގެ 32 މިލިއަން މީހުންގެ އާބާދީގެ ތެރެއިން %80 މީހުން ކޯވިޑް ވެކްސިނުގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އާބާދީގެ 3 ބައި ކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒްވެސް ފުރިހަމަކޮށްފައި ވުމުން، ކޯވިޑްގެ ޙާލަތާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އެޤައުމުން ވަނީ ލުއި ދީފައެވެ. އެހެންކަމުން ވިޔަފާރިތައް ރަނގަޅަށް ހިނގަން ފަށައި، އެ ޤައުމުގެ އިޤްތިޞާދު މިވަނީ ކުރިއެރުމާ ދިމާލަށް މިސްރާބު ޖަހާފައެވެ.