ޚަބަރު

އެމެޒޯންއިން ހުރިހާ ޤައުމެއްގެ ވިސާ ކާޑު ބަލައިގަންނާނެ


އެމެޒޯން ކުންފުނީގެ ހުރިހާ ވިޔަފާރިތަކުންވެސް ވިސާ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މުޢާމަލާތް ކުރެވޭގޮތަށް އެމެޒޯންއިން ނިންމައިފިއެވެ.

ވިސާ ކާޑުގެ ޕްރޮސެސިން ފީ އަގުބޮޑުވުމުގެ ސަބަބުން، އެމެޒޯންއިން މަސައްކަތްކުރަމުންދިޔައީ ބައެއް ޤައުމުތަކުން ވިސާ ކާޑު ޤަބޫލުނުކުރުމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާރު ވިސާ ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށާއި، އެމެޒޯންގެ ހުރިހާ ނެޓްވޯކަކުންވެސް ވިސާ ކާޑު ބަލައިގަންނާނެކަމަށް އެމެޒޯންއިން ވަނީ ހާމަކޮށްފައެވެ.

އެކި ޤައުމުތަކުން ވިޔަފާރި މުޢާމަލާތް ކުރުމުގައި ވިސާ ކާޑު ބޭނުންކުރުމަށް ނަގާ ޕްރޮސެސިންގ ފީ އަގު ބޮޑުވެފައިވާތީ ގިނަ ކަސްޓަމަރުންގެ ޝަކުރާ އެމެޒޯންއަށް ލިބެމުންދިއުމުގެ ސަބަބުން އެމެޒޯން އިން ނިންމާފައިއޮތީ އެމެރިކާ އަދި އިނގިރޭސިވިލާތުންވެސް ވިސާ ކްރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ބަލައިނުގަތުމަށެވެ.

ވިސާ ކުންފުނިން މިދިޔަ އޮކްޓޯބަރުމަހު ވަނީ އިނރޭސިވިލާތާއި ޔޫރަޕުގެ އިއްދިހާދުގައި ހިމެނޭ ޤައުމުތަކުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ އޮންލައިން މުޢާމަލާތްތަކުން ނަގާ ފީ 0.2 އިންސައްތަ ބޮޑުކޮށްފައެވެ. އެގޮތުން ކޮންމެ މުޢާމަލާތެއްގެ 1.5 އިންސައްތަ ޕްރޮސެސިން ފީގެ ގޮތުގައި ނަގަމުންދެއެވެ. އެކި ވިޔަފާރިތަކުގެ މެދުގައި ކްރެޑިޓް ކާޑުތަކުން ނަގާ ޕްރޮސެސިން ފީ މިހާރު ހުރީ 1.5 އިންސައްތައާއި 3.5 އިންސައްތައާއި ދެމެދުގައިކަމަށް ދިރާސާތަކުން ދައްކައެވެ.

މި މައްސަލަ އެކި ވުޒާރާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވެއެވެ. އެގޮތުން ކްރެޑިޓް ކާޑު ދޫކުރާ ކުންފުނިތަކުން މިގޮތަށް ޕްރޮސެސިން ފީ އަގު ބޮޑުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އިދާރާތަކުން ބުނުމާއި ގުޅިގެން މާސްޓަކާޑާއި ވިސާ ކުންފުންޏަށް ފިޔަވަޅު އަޅާނެކަމަށްވެސް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ ފަރާތްތަކުން މީގެކުރިން ބުނެފައިވެއެވެ.

2020 ވަނަ އަހަރުގެ ދިރާސާތަކަށް ބަލާއިރު އުތުރު އެމެރިކާއިން ކުރާ އޮންލައިން ވިޔަފާރީގެ 3 ބައިކުޅަ 1 ބައި ވިޔަފާރި ކޮށްފައިވަނީ ކްރެޑިޓް ކާޑު މެދުވެރިކޮށެވެ. 2021 ވަނަ އަހަރު މި ޢަދަދުން 7 އިންސައްތަ ވަނީ މަދުވެފައެވެ.

ޕްރޮސެސިން ފީ ކުޑަކުރުމަށް އެމެޒޯން ކުންފުންޏާއެކު ވިސާއިން އެއްބަސްވުމަކަށް އައިސްފައިވާއިރު، މި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެއްބަސްވުމަކަށް އާދެވިފައިވާކަން ވިސާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.