ޚަބަރު

ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ: ޔުމްނާ


ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކޮށް ދަރިން ޝައުގުވެރިވާނެ ގޮތަކަށް ބަސް ކިޔަވައިދިނުމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ގޮވާލައްވައިފިއެވެ. އެކަމަނާ މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރަކީ "ގިނަ ބައްސަ އުނގެނުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް" މިއެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުވި މެސެޖްގައި މިނިސްޓަރ ވިދާޅުވީ ދިވެހި ބަހަކީ ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާ، ޒަމާނީ ޓެކްނޮލޮޖީ އާ ރައްޓެހި ބަހަކަށް ހަދަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. އެގޮތުން ކުޑައިރުއްސުރެ ދަރީންނާ ދިވެހި ބަހުން ވާހަކަދައްކަން މައިންބަފައިން ސަމާލުކަން ދިނުމާއި އެކި އުމުރުފުރާގެ ކުދީން ކިޔާނެ ފޮތްތައް ތައްޔާރުކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓީވީ ރޭޑިއޯ ޕްރޮގުރާމްތަކާއި ތަފާތު ކުޅިވަރުތައް ތައްޔާރު ކުރުމާއި އެޕްތައް ތައްޔާރު ކުރަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދިވެހިބަސް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުދީން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހި ބަސް ކިޔަވައިދޭން ޖެހޭކަމަށެވެ.

"ކޮންމެ ބަހުރުވައެއްގައި ވެސް އެ ބަހުރުވައަކަށް ޚާއްޞަ ރާގަކާއި، އެ ބަހުރުވައަކުން މުޢާމަލާތުކުރާ ވަކި ގޮތްތަކަކާއި އެ ބަހުރުވައަކުން ވިސްނާ ވައްޓަފާޅިއެއް އެކުލެވިގެންވޭ. ދިވެހި ބަހަކީވެސް ބަހުރުވަތަކުން މުއްސަނދި ބަހެއް ނަމަވެސް، ތަޢުލީމު ދިނުމުގައްޔާއި އާންމު ދިރިއުޅުމުގައި އެ ބަހުރުވަތައް ބޭނުންކުރެވޭ މިންވަރު މަދުވުމުގެ ސަބަބުން މިއަދު ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން މަދުކަމީ، ނުވަތަ ބައެއް ބަހުރުވަތަކުން ވާހަކަ ދައްކަން އެނގޭ މީހުން ނެތްކަމީ ހިތާމައާއި އެކު ފާހަގަކުރަން ޖެހޭ ކަމެއް. ބަހެއް ދަސްކުރުން ނުވަތަ ބަހެއް ހަނދާންނެތުމަކީ ހަމައެކަނި މުޢާމަލާތުކުރުމުގެ ވަޞީލަތެއް ގެއްލުމެއް ނޫން. ބަހަކީ އިންސާނާގެ ވިސްނުމާއި އަމިއްލަވަންތަކަން ބައްޓަންކުރާ އެއްޗެއް. އަދި އެއީ އެ އިންސާނާ އާއި އޭނާގެ މުޖުތަމަޢުގެ ތާރީޚާއި ސަގާފަތާއި އާދަކާދައާ ގުޅިލާމެހިފައިވާ އެއްޗެއް. މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް މިއަދު ފާހަގަކުރާއިރު، މި ދުވަސް ޚާއްސަ ކުރެވޭ 'ބެންގާލީ ލެންގުއޭޖް މޫވްމަންޓް' އާއި 1952ގައި މިދުވަހު ބަހަށްޓަކައި ގުރުބާންވީ ފަރާތްތަކުގެ ހަނދުމަ އާކުރަމެވެ. މި ދުވަސް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިއަދު ދުނިޔޭގައި މީހުން ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަސްތައް ނެތިދިޔަނުދީ އެ ބަސްތައް ރައްކާތެރިކަމާއިއެކު އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރުމެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މުޢާމަލާތު ކުރުމަށް ޖުމްލަ 7000 އެއްހާ ބަސް ބޭނުންކުރާއިރު މީގެ ތެރެއިން ދެބައިކުޅަ އެއްބައި ބަސް މި ޤަރުނުގެ ތެރޭގައި ނެތިގެން ދާނެ ކަމަށް ބަހުގެ މާހިރުން ލަފާކުރެއެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ ދުނިޔޭގެ ނިސްބަތުން ކުޑަ އާބާދީއެއް ވާހަކަދެއްކުމަށް ބޭނުންކުރާ ދިވެހި ބަސް ފަދަ ބަސްތަކެވެ.