ޚަބަރު

ޔޫކްރެއިން-ރަޝިޔާ ބޯޑަރު ކައިރީ ތިބި ދިވެހި 5 ކުއްޖެއް ފިިޔަވައި ހުރިހާ ކުދިން ގެނެސްފި


ޔޫކްރެއިނާއި ރަޝިޔާގުޅޭ ބޯޑަރު ކައިރީގައި ތިބި ދިވެހި 5 ކިޔަވާކުއްޖަކު ފިޔަވާ، އެ ސަރަޙައްދުގައި ތިބި ހުރިހާ ދަރިވަރުން މިހާރު ރާއްޖެ އައިސްފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި އެޤައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ފޮރިން މިނިސްޓްރީއަށް އެންގެވުމާގުޅިގެން އެ މިނިސްޓްރީން ދަނީ އެ މަސައްކަތް ކުރަމުންނެވެ. މިވަގުތު ޔޫކްރެއިންގައި ތިބި ދިވެހިންގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ކިޔަވާކުދިން ރާއްޖެގެނައުމަށް ކުރާ މަސައްކަތްތަކާގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ވިދާޅުވީ، ޚަރްކިވް ސަރަޙައްދުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކު ފިޔަވާ އެހެން ހުރިހާ ކުދިން މިހާރު ރާއްޖެގެނެވިފައިވާކަމަށެވެ. އަދި ޖަރުމަނުގެ ބާލިންގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ 5 ދަރިވަރުންނާއި މުޢާމަލާތްކޮށް އެމީހުން ރާއްޖެ ގެނައުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދުގެ އިތުރުން އެ ޤައުމުގެ އެކި ސިޓީތަކުގައި އަދިވެސް ދިވެހި 20 ދަރިވަރަކު ތިބިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެެއިން 14 ދަރިވަރަކު ޔޫކްރެއިންގެ އިރުމަތީ ފަރާތުގައި އޮންނަ އިވާނޯ-ފްރޭންކިވްސްކްގައި ތިބިއިރު، އެ ދަރިވާރުންނާވެސް ގުޅައިގެން އެމީހުންގެ ޙާލަތު ބަލަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން މީގެ ކުރިން އެދިފައިވެއެވެ. އަދި ޔޫކްރެއިނުން އެނބުރި ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށްވެސް އެ މިނިސްޓްރީން މީގެކުރިން ހާމަކުރައްވާފައިވެއެވެ.