ހުޅުމާލޭ ފޭސް 2 އަކުން މާލެއަށް ސީދާ ބަސްދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
އެމް.ޓީ.ސީ.ސީން ވިދާޅުވީ މި ދަތުރުތައް ފަށާނީ އަންނަމަހުގެ 2 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދަށް އެމް.ޓީ.ސީ.ސީން ބަސް ދަތުރުތައް ފަށާފައިވަނީ މިދިޔައަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ. އޭރު ބަސް ދަތުރުތައް ބާއްވަމުން ދިޔައީ ކޮންމެ 30 މިނެޓަކުންނެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވެ، ބަސް ދަތުރަށް އޮންނަ ޑިމާންޑް އިތުރުވުމާގުޅިގެން، އެމް.ޓީ.ސީ.ސީން ވަނީ އެ ސަރަޙައްދަށް ބަސް ދަތުރުކުރާ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިހާރު ޕީކް ގަޑިތަކާއި ދިމާކޮށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް އެމް.ޓީ.ސީ.ސީން ބާއްވަމުންދެއެވެ.
ހުޅުމާލޭ ފޭސް ދޭއްގައި އިތުރުވަމުންދާ އާބާދީއާއެކު އެމް.ޓީ.ސީ.ސީން މިހާރު މިވަނީ ހުޅުމާލޭ ފޭސް 2އިން މާލޭއަށް ސީދާ ބަސްދަތުރުތައް ކުރާގޮތަށް ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާރިޗު 2 އިން ފެށިގެން މާލެއާއި ހުޅުމާލެއާއި ދެމެދު ޑައިރެކްޓް ބަސްދަތުރުތައް އޮންނާނެކަމަށެވެ. އަދި އެ ރޫޓުގައި ބަސްތައް ދަތުރުކުރާނީ ޓްރެފިކަށް ބަލާ ކޮންމެ ގަޑިއިރަކުން ކަމަށާއި، ނަމަވެސް އަންނަ ޖުލައިމަސް ނިމެންވާއިރަށް ބަސްދަތުރުތައް 15 މިނެޓަށް ބަދަލުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
2 March 2022 in feshigen hulhumale’ Phase 2 in Male ah direct bus dhathuru thah fesheyne. Bus thah annaanee traffic maa goas noonihyaamu komme 1 gadi irakun adhi July 2022 nimumuge kurin komme 15 minute akun bus annaane. @MTCCPlc
— Adam Azim (@adamazim) February 24, 2022
ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ދޭ ރޫޓުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ސީދާ މާލެއަށް އަދި މާލެއިން ސީދާ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދަތުރުކުރެވޭނެ ގޮތް އަދި ހަމަޖެހިފައެއް ނުވެއެވެ. މިވަގުތު އެ ދަތުރުތައް ކުރަނީ މާލެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. އަދި ދެވަނަ ފިޔަވަހިން މާލެއަށް ވެސް ދަތުރުކުރަނީ އެގޮތަށެވެ.
ހިޔާ ފްލެޓް ހިމެނޭ ސަރަޙައްދަށް ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ފެށިގެން ރޭގަނޑު 12:15އާ ހަމައަށް އެމް.ޓީ.ސީ.ސީން ބަސް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ. ނަމަވެސް ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރު 13:45 ދަތުރުތައް މެދުކަނޑާލައެވެ.
ޙަބީބު. ޙަބީބު.
ފޭސްދޭކުން ސީދާ މާލެޔައް އަވަސް ބަސްދަތުރުތަކެއްބޭނުން އެބަސްތައް ފޭސް އެކަކައް ވަދެމަޑުކުރުމަކީ ކުރާވަރުކަމެއްނޫން އަދި މާލެޔައް ބަސްތައް މަޑުކުރާ ސަރަހައްދު ތަކުގެ ތެރޭ ދަރުބާރުގެ ސަރަހައްދު އާޓިފިޝަލް ބީޗު ނަސަންދުރަ އެންނަންބަރު ފާލަން ކައިރި ހަމަޖެއްސުން އެދެން