ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި


ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުޞަތު އިތުރުކޮށްފިއެވެ. އެގޮތުން ޕްރޮޕޯސަލް ހުށައެޅުމުގެ މުއްދަތު މިހާރު ވަނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށްޓަކައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނެކަމަށެވެ. އެގޮތުން ޕްރޮޕޯސަލް ފޮތް އަންނަ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އުމުރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރިން ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ 22 ފެބުރުއަރީ އަށެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށްޓަކައި ކުންފުނިތަކަށް ހުއްދަ ދޫކުރަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހު އާއްމުކުރި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލްގައި ވަނީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނިކަމަށެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވަންވެސްވަނީ ލާޒިމްކޮށްފައެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޖެހެއެވެ. އަދި އެ އެއްބަސްވުމުގައި ޢުމްރާ ދަތުރުގެ ޖުމުލަ އަގާއި ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ޚިދުމަތްތައް ހިމަނާފައި އޮންނަންޖެހެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.