ޚަބަރު

އޭސީސީގެ ނަންތައް އާއްމުންގެ ޚިޔާލަށް ހުޅުވާލައިފި


އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް އާންމުންގެ ޚިޔާލަށް ހުޅުވާލައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް މަޖިލީހުން ވަނީ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމެޓީއަށް ފޮނުއްވާފައެވެ. އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 40 އަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން އިސްކަންދެއްވާފައިވަނީ ފަސް ބޭފުޅަކަށެވެ.

އޭގެ ތެރޭގައި ހިމެނެނީ،
1- އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި
2- - އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ
3- އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި
4- އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު
5- އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު

މިބޭފުޅުންނާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މިމަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

މި ނަންފުޅުތަކުގެ ތެރެއިން އެއްވަނާގައި އޮތް ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓިގޭޓަރެކެވެ. އަދި ދެވަނާގައި އޮތް ޢަބްދުއްސަލާމް ޢަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ. މީގެއިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީއަށް ފަސް މެންބަރަކު އައްޔަންކުރައްވަން ރައީސް މަޖިލީހަށް މިފޮނުއްވީ، ކުރިން އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާރު އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.