މާފުށީ ޖަލުގައި ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 3 ކޯޓްރޫމްގެ ޢަދަދު 5 އަކަށް އިތުރުކޮށް ބޭނުންކުރަން ފަށައިފިވެ.
މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގެއްގައި އަލަށް އިތުރުކުރި ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މި ކޯޓްރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަޤްޞަދަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުންކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. އެގޮތުން މި ކޯޓްރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ.
ކަރެކްޝަނުން ވިދާޅުވީ މި 5 ކޯޓްރޫމުގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެކަމަށެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެކަމަށެވެ.