ޚަބަރު

ޕޮޒިޓިވްވީ މީހުންގެ އަދަދު 459 އަށް، ހޮސްޕިޓަލުގައި ފަރުވާދެނީ 10 މީހަކަށް


ރާއްޖެއިން އިތުރު 459 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ގިނަ ކޭސްތައް އަތޮޅުތަކުން ފެންނަމުންދާއިރު، މިވަގުތުވެސް 20އަށްވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގައެވެ.

ރާއްޖޭގައި މިދިޔަމަހު ކޯވިޑް ކޭސްތައް އިތުރުވި ނަމަވެސް މިހާރު މިވަނީ، މަޑުމަޑުން އަދަދުތައް ދަށަށް ދާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 459 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. 371 މީހުން އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 41 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 29 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 171،114 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14،831 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 10 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 540 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 155،973 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2،503 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރުވަނީ އަދަދު ދައްވާން ފަށާފައެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.