ޚަބަރު

ފަރަށް އެރި ބޯޓެއްގައި ތިބި މީހުން މާލެ ގެނެސްދީފި


ހއ.ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން، އެ ބޫޓުގައި ތިބި މީހުން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑަރަންއިން މާލެ ގެނެސްދީފިއެވެ.

28 މީހުންނާއެކު މާލެ ދަތުރުކުރި މި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 6 އަންހެނުންނާއި 3 ކުޑަކުދިންގެ އިތުރުން 19 ފިރިހެނުން ހިމެނުނެވެ.

"ސަވާރީ" ނަމަކަށް ކިޔާ މި ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ގޮސް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިގޮތުން، ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ހިމެނުނު ހަ އަންހެނުންނާއި ތިން ކުޑަކުދިނާއި، 19 ފިރިހެނުންނާއިއެކު ޖުމްލަ 28 މީހުން ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި މިއަދު ހެނދުނު 06:25 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މި ބޯޓް ފުންކުރުމަށްޓަކައި ވެރިފަރާތުން ހޯދި އުޅަނދެއް އެ ސަރަހަށްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވެއެވެ.