ތަރައްްޤީ

ރޯދައަށްފަހު މާލޭ ހުކުރު މިސްކިތް މަރާމާތުކުރަން ފަށަނީ


މާލޭ ހުކުރު މިސްކިތް މަރާމާތުކުުރުމުގެ މަސައްކަތް ރަމަޟާންމަހަށްފަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ އިންޑިއާ ސަރުކާރުގެ މާލީ އަދި ފަންނީ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ، މާލޭ ހުކުރު މިސްކިތަށް ގިނަ ދުވަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި، އެތަން ރައްކާތެރިކުރަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. ޚާއްސަކޮށް މިސްކިތުގެ އޮނިގަނޑު ނުވަތަ މަތިވަޑާންގަނޑު ވަރަށް ބޮޑަށް ބާރުދެރަވެފައިވާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ހުކުރު މިސްކިތް އާބާތުރަފިލުވާ މަރާމާތުކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެ، މިމަސައްކަތް ވަރަށް ބޮޑަށް ދިގުލައިގެންގޮސްފައިވާކަމަށް ނާއިލް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މިނިސްޓްރީން މަސައްކަތްކުރަމުންދަނީ ރަމަޟާންމަސް ނިމުމުން ހުކުރު މިސްކިތުގެ މަރާމާތުގެ ކަންކަން ފެށުމަށްކަމަށް ނާއިލް ވިދާޅުވިއެވެ.

"ރޯދަމަހު ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ބޭނުމެއްނުވޭ މިސްކިތުން ބައެއް ނަމަވެސް ބަންދުކުރާކަށް. މި މަސައްކަތް ކުރަމުންދާއިރު މިސްކިތުން ވަކިވަކި ބައިބައި އަދި ބައެއް ފަހަރު މިސްކިތް އެއްކޮށްވެސް ބަންދުކުރަންޖެހޭ ޙާލަތްތައް އަންނާނެ. އެހެންވީމަ އަޅުގަނޑުމެން ރޯދައިގެ ކުރިން އެ މަސައްކަތް ފަށައިފިއްޔާ ރޯދައަށް ބަންދުކުރަންޖެހޭނެ. އެހެންވީމަ ޢަމަލީ މަސައްކަތް ރޯދައިގެ ފަހުން ފެށޭނީ" ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ، ހުކުރު މިސްކިތް އެގޮތުގައި ގިނަ ދުވަހު ދެމެހެއްޓުމަށްޓަކާ ކޮންޒަވޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިހާރު ލިބިފައިވާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ގިނަ ޢަދަދެއްގެ ލަކުޑިއާއި ކެމިކަލް އަދި ބޭސް މިހާރު ރާއްޖެގެނެސް ގުދަންކޮށްފައިވާކަމަށް ނާއިލް ވިދާޅުވިއެވެ.

"މިސްކިތުގެ ކޮމްޕައުންޑުގެ ތެރޭގައި ވާންޖެހޭ ތައްޔާރީތައްވެސް ދަނީވަމުން. އެގޮތުން އެތަނުގައި އޮފީސް ސެޓަޕެއް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައި. އަދި މި މަޝްރޫޢަށް ބޭރުން ގެންނަންޖެހޭ ކޮންސަވޭޝަނަށް ބޭނުންކުރާ އެކިއެކި ކެމިކަލްސް އަދި ބޭސް ރާއްޖެއަށް ގެނެސް ގުދަންކުރެވިފައިވަނީ. މީގެ އިތުރުން ލަކުޑިއާއި މިކަހަލަ ވަރަށް ބައިވަރު އެއްޗެހި ބޭރުން ގެނެވި، އެ މަސައްކަތްވެސް ކުރެވިފައިވަނީ. އެހެންވީމަ ޖުމްލަގޮތެއްގައި ދަންނަވާނަމަ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައި މިއޮތީ" ނާއިލް ވިދާޅުވިއެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

އެގޮތުން 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށައަޅާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019 ގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރަލް ކޮންޒަވޭޝަންގެ މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތްތައް ކުރުން ހިމެނޭނެއެވެ.

މީގެ ތެރޭގައި މިސްކިތުގެ މަތިވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް އަދި ސައިނެޖް މަރާމާތުކުރުން ހިމެނެއެވެ. ހަމައެހެންމެ ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމެންޓް ދިނުންވެސް ހިމެނެއެވެ. ހެރިޓޭޖް މިނިސްޓްރީގެ އަމާޒަކީ ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް އަންނައަހަރުގެ މެދުތެރެއަށް އެއްކޮށް ނިންމާލުމެވެ.

މާލޭ ހުކުރު މިސްކިތަކީ ލަކުޑީގެ މޮޅު ވަޑާމާއި، ލިޔެލާޖެހުމާއި، ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީގޮތުން ރާއްޖޭގައި ހުރި އެންމެ މުހިއްމު އެއް މިސްކިތެވެ. މާލޭ ހުކުރު މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބްރުއަރީ 2008 ގައެވެ.

ދިވެހިންގެ ހިތްތަކުގައި މާލޭ ހުކުރު މިސްކިތަށް ޚާއްސަ އިޙްތިރާމަކާއި ގަދަރެއް އުފެދިފައިވާއިރު، މިއީ މާލޭސިޓީއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ބިނާއެކެވެ.