ޚަބަރު

ރަޝިޔާގެ ޢާއްމުންނަށް ޚަބަރާއި މަޢުލޫމާތު ހޯދުމުގެ ދޮރުތައް ބަންދުވަމުންދިއުމުގެ ކަންބޮޑުވުން


ރަޝިޔާގައި ސީއެންއެން އާއި ބީބީސީ ޗެނަލްތައް ނުދައްކަން ނިންމައި، ފޭސްބުކާއި ޓްވިޓަރވެސް ބުލޮކްކޮށްފިއެވެ.

ފެބްރުއަރީ 24އިން ފެށިގެން ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުން އަންނަނީ ރަޝިޔާއާއި ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެއާވިދިގެން މަޝްހޫރު ބްރޭންޑުތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންވެސް ރަޝިޔާއަށް ޚިދުމަތްދިނުން ހުއްޓާލުން ވަނީ އިތުރުވެފައެވެ. ފާއިތުވި ހަފްތާގައި ހަނގުރާމައާގުޅޭގޮތުން ސައްޙަ ނޫން މަޢުލޫމާތު ފަތުރާކަމުގެ ތުޙުމަތުގައި ވިލާތުގެ އިއްތިހާދުން ވަނީ ރަޝިޔާގެ ރަސްމީ ބްރޯޑްކާސްޓަރުންކަމަށްވާ އާރް.ޓީ އާއި ސްޕުޓްނިކްގެ ކޮންޓްންޓު ފެތުރުމާއި ދުރަށްދެއްކުން މަނާކޮށްފައެވެ.

ސީއެންއެން އިން މިހާރު ރަޝީޔާއަށް ބްރޯޑްކާސްޓުކުރުން މެދުކަނޑާލަން ނިންމާފައިވާއިރު، ބީބީސީއިން ރަޝިޔާއަށް ދެމުންދާ ޚިދުމަތްވެސް މެދުކަނޑާލަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ޓްވިޓަރ އާއި ފޭސްބުކުން ރަޝިޔާގެ ރަސްމީ މީޑިއާތަކަށް އޮންނަ އެކްސެސް ކުޑަކޮށްފައިވާތީ އެ ދެ ޚިދުމަތްވެސް ބޭނުންނުކުރެވޭގޮތަށް ރަޝިޔާއިން ވަނީ ސަސްޕެންޑުކޮށްފައެވެ. ޓީވީ ރޭޑިއޯއާއި މީސްމީޑިއާ މަންސަތަކުގެ އިތުރުން މައިކްރޮސޮފްޓާއި އިލެކްޓްރޯނިކް އާރޓްސް އިންވެސް ވަނީ ރަޝީޔާ ގައި ވިޔަފާރިކުރުން ހުއްޓާލާފައެވެ.

މިދަނޑިވަޅުގައި ރަޝިޔާއަށް އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދޭ އެމެރިކާ ކުންފުންޏެއް ކަމަށްވާ ކޯޖެންޓުން ވަނީ ވިލާތުގެ އިއްތިހާދުގެ ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ކަމަށްބުނެ ރަޝިޔާގެ މީޑިއާތަކަށް ޚިދުމަތްދިނުން މެދުކަނޑާލާފައެވެ. އެ ކުންފުނިން ބޭރުގެ ނޫސްތަކަށް މަޢުލޫމާތުދީފައިވާގޮތުގައި ރަޝިޔާގެ ކުންފުނިތަކަށް ޚިދުމަތްދިނުން މެދުކަނޑާލާ އެންމެ ބޮޑު ސަބަބަކީ ސައިބަރއެޓޭކްތަކަށާއި ޕްރޮޕަގެންޑާ ފެތުރުމަށް އެ ކުންފުނީގެ ޚިދުމަތް ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމެވެ.

ޚަބަރާއި މަޢުލޫމާތު ފަތުރާ ބޮޑެތި ކުންފުނިތަކާއި ރަޝިޔާއާއި ދެމެދު ފިޔަވަޅުތައް އެޅުން އިތުރުވަމުންދާއިރު ރަޝިޔާއިން މިހާރު ވަނީ ހަނގުރާމައާގުޅޭގޮތުން ޤަސްތުގައި ދޮގު ޚަބަރު ފަތުރާ ފަރާތްތަކަށް ޖަލު ޙުކުމެއް އަންނަގޮތަށް ޤާނޫނެއްވެސް ފާސްކޮށްފައެވެ.

ރަޝިޔާގެ ޢާއްމު ރައްޔިތުންނަށް ދުނިޔޭގެ ޚަބަރާއި މަޢުލޫމާތު ސައްޙަކަމާއެކު ލިބޭނެ ދޮރުތައް ބަންދުވަމުންދާކަން ފާހަގަކޮށް، މެޓަ ކުންފުނީގެ ގްލޯބަލް އެފެއަރޒް ހެޑް ނިކް ކްލެގް ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އޭނާ ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ ރަޝިޔާގެ ރައްޔިތުންނަށް ދެފުއްފެންނަގޮތަށް ޚަބަރާއި މަޢުލޫމާތު ލިބުމުގެ މަގު ބަންދުވުމުގެ އިތުރުން ދުރުގައިވާ ޢާއިލާއާއި ގާތް މީހުންނާއި ގުޅުންބަދަހިކުރުމަށް އޮންނަ މަގުވެސް ބަންދުވެގެންދަނީކަމަށެވެ. ކްލެގް ވިދާޅުވީ މެޓަ ކުންފުނީގެ ޚިދުމަތްތައް ރަޝިޔާގައި އަލުން ދޭންފެށުމަށް ކުރަންޖެހޭ މަސައްކަތް މެދުނުކެނޑި ކުރިއަށްދާކަމަށެވެ.