ޚަބަރު

އެމެރިކާގައި ތަކެތީގެ އަގު %8 މައްޗަށް


އެމެރިކާގައި ތަކެތީގެ އަގު ރެކޯޑުމިންވަރަކަށް އުފުލިފައިވާކަމަށް ފެބްރުއަރީމަހުގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

އެމެރިކާގެ ސަރުކާރުން ހާމަކޮށްފައިވާގޮތުން ފާއިތުވި ފެބްރުއަރީމަހު އެ ޤައުމުގައި ޢާއްމުކޮށް ތަކެތި ވިއްކާ އަގު ނުވަތަ ކޮންސިއުމަރ ޕްރިސް އިންޑެކްސް 7.9 އިންސައްތަ މައްޗަށްޖެހިފައިވެއެވެ. މިއީ 1982އިން ފެށިގެން ފާއިތުވި 40 އަހަރުތެރޭގައި އެ ޤައުމުގެ މުދަލުގެ އަގު އެންމެ ބޮޑަށް އިތުރުވި ފަހަރެވެ.

އެމެރިކާގައި އިންފްލޭޝަންގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދަނިކޮށް، ބާޒާރުގައި ގޭހާއި، ކާނާގެ ބާވަތްތަކާއި، ބޯހިޔާވަހިކަމާއިގުޅޭ ޚަރަދުތައް އިތުރަށް މަތިވާންފެށުމުން، އިންފްލޭޝަން އިތުރަށް ގޯސްވެ، ތަކެތީގެ އަގު ވަނީ ޖަނަވަރީމަހަށްވުރެ 0.8 އިންސައްތަ އުފުލިފައެވެ. އަދި ރަޝިޔާއާއެކު އެމެރިކާއިން ވިޔަފާރިގުޅުން ކަނޑާލުމުން ހަކަތައިގެ އަގު ވަކިން ޚާއްޞަކޮށް އުފުލިގެންގޮސްފައިވާކަމަށް އިދާރާތަކުން ހާމަކުރެއެވެ.

އެމެރިކާގެ ލޭބާ ޑިޕާޓްމަންޓުން ނެރުނު ރިޕޯޓުތަކަށް ބަލާއިރު، ފާއިތުވި ޖަނަވަރީމަހަށްވުރެ ފެބްރުއަރީމަހު ކާބޯތަކެތީގެ އަގު 1 އިންސައްތަ އުފުލިފައިވެއެވެ. އަދި މޭވާއާއި ތަރުކާރީގެ އަގު 1.4 އިންސައްތަ އުފުލިފައިވެއެވެ. މީގެ އިތުރުން ކުލި ފަދަ ބޯހިޔާވަހިކަމާއި ގުޅޭ ޚަރަދުތައް 0.5 އިންސައްތަ މައްޗަށްޖެހިފައިވެއެވެ.

ލޭބާ ޑިޕާޓްމަންޓުގެ ރިޕޯޓުތައް ދައްކާގޮތުން ފެބްރުއަރީގައި އިތުރުވި ކޮންސިއުމަރ ޕްރައިސް އިންޑެކްސްގެ 3 ބައިކުޅަ 1 ބައި ހިއްސާކުރަނީ ގެސޮލިންގެ އަގަށް އައި 6.6 އިންސައްތައިގެ އިތުރުވުމެވެ. ފާއިތުވި 12 މަހަށް ބަލާއިރު، އަގު ކޮންޓްރޯލް ނުކުރެވޭ ކާބޯތަކެއްޗާއި ހަކަތަ ނުހިމަނައި ތަކެތީގެ އަގު އުފުލިފައިވަނީ 6.4 އިންސައްތައަށްކަމަށް މި ރިޕޯޓުތަކުން ދައްކައެވެ. އަދި މި މުއްދަތުގައި އެންމެ ބޮޑަށް އަގު އުފުލިފައިވާކަމަށް ދައްކާ އެއް ދާއިރާއަކީ ބޯހިޔާވަހިކަމާއިގުޅޭ ދާއިރާއެވެ. އެގޮތުން އެ ދާއިރާގެ އަގުތައް 12 މަސްދުވަސްތެރޭގައި 4.7 އިންސައްތަ އިތުރުވެފައިވެއެވެ.

އެމެރިކާގައި އިންފްލޭޝަން ރޭޓް ރިކޯޑު މިންވަރަކަށް މަތިވެފައިވާތީ އެކަން ޙައްލުކުރުމުގެ ގޮތުން އަންނަ ހަފްތާގައި ފެޑެރަލް ބޭންކުގެ އިންޓްރެސްޓް ރޭޓް މަތިކުރުމަށް ނިންމާފައިވެއެވެ. މިއީ ޕެންޑަމިކަށްފަހު އެ ޤައުމުގެ އިންޓްރެސްޓް ރޭޓު މަތިކުރާ ފުރަތަމަފަހަރެވެ.