ޚަބަރު

ފަނޑިޔާރުކަމަކީ އެތައްބައެއްގެ ހައްގުގައި، ކުރެވޭ އެކަނިވެރި ބުރަ މަސައްކަތެއް: ޝުޖޫން


ފަނޑިޔާރުންނަކީ އެތައްބައެއްގެ ހައްގުތަކާއި ގުޅިފައިވާ އެކަނިވެރި ބުރަ މަސްއޫލިއްޔަތެއް އަދާކުރާ ބައެއް ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުގެ ޤާޟީކަމަށް އައްޔަންކުރެވުނު ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝުޖޫން ވިދާޅުވީ ފަނޑިޔާރުކަމަކީ މީހުންގެ ހައްގުތަކާއި، ގުޅިފައިވާ އެކަނިވެރި ބުރަ މަސައްކަތެއް ކަމަށެވެ. ފަނޑިޔާރުކަމަކީ އަމިއްލަ މަންފާއަށް ކުރެވޭ ކަމެއްނޫން ކަމަށާއި، ފަނޑިޔާރުންނަށް ކަންކަން ކުރެވޭ ގޮތަކުން މުޖުތަމައުގައި ފަނޑިޔާރުގެއާއިމެދު އޮންނަ އިތުބާރު ބޮޑުވާ ހާލަތްތައް އަންނައިރު، ބައެއް ހާލަތްތަކުގައި ހިތްހަމަ ނުޖެހުމާއި، ބަދުބަހާއި ނަފްރަތުވެސް ކުރިމަތިވާނެކަމަށެވެ.

ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށްފަހު މީގެ ކުރިން އަދާކުރަމުންދިޔަ ވަކީލުކަމުގެ ދައުރާއި، މިހާރުގެ މަސްއޫލިއްޔަތާއި ވަރަށް ބޮޑަށް ތަފާތުވާނެކަމަށް ޝުޖޫން ވިދާޅުވިއެވެ. ފަނޑިޔާރުން ކަންކަން ނިންމަންވާނީ ހުށަހެޅޭ ކަންކަމާއި، ކޯޓުގައި ދެކެވޭ ވާހަތަކަށް ކަމަށާއި، ބޭރުގައި ދެކެވޭ ވާހަތަކާއި އަޑުތަކަށް ބަލައި ހުކުމް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.

ކޮންމެ ފަނޑިޔާރަކީވެސް ޝަރުއީ ދާއިރާގެ އިއްޒަތާއި ކަރާމާތް ދަމަހައްޓަންޖެހޭ ނަޒާހާތްތެރި ބޭފުޅަކަށް ވުމަކީ ފަނޑިޔާރުގޭގެ އިތުބާރު ނެގެހެއްޓުމަށް ލިބިދޭނެ ބާރެއް ކަމަށްވެސް ޝުޖޫން ވިދާޅުވިއެވެ. ހަމަ މިއާއެކު ޝަރުއީ ނިޒާމު ތަރައްޤީކުރުމަކީވެސް ކޮންމެ ފަނޑިޔާރެއްގެވެސް ޒިންމާއެއް ކަމުގައިދެކި މަސައްކަތްކުރެއްވުމަށް ޝުޖޫންވަނީ އިލްތިމާސް ކުރައްވާފައެވެ.

ސިވިލް ކޯޓަށް އަލަށް އައްޔަން ކުރި ދެފަނޑިޔާރުންނަކީ ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާއާއި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ. ޖޭއެސްސީގެ ރައީސް ހިސާން ހުސެއިންގެ ކުރިމަތީގައި އެ ދެ ފަނޑިޔާރުންނަށް ހުވާލައިދެއްވީ ހައި ކޯޓްގެ އިސް ފަނޑިޔާރު ހާތިފް ހިލްމީއެވެ.