ޚަބަރު

ރާއްޖޭގެ އުތުރާއި ދެކުނުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުތައް ޤާއިމްކުރާނެ: ނާއިބު ރައީސް


ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ޚިދުމަތް ފުޅާކޮށް މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޤާއިމްކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި އެ ސެންޓަރުން ލިބޭ ޚިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ޚިދުމަތްތަކެއްކަން ފާހަގަކުރައްވައި މި ސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ސެންޓަރުގެ ޚިދުމަތް ފުޅާކޮށް، މުސްތަޤްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ޤާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ޚިދުމަތެއް ފަށާއިރު ގޮންޖެހުންތަކެއް ހުންނަކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ ނުކުޅެދިންތެރިކަން ހުންނަ ކުދިންނަށް ދޭ ޚިދުމަތްތައް ފޯރުކޮށްދޭނެ، ތަމްރީން ލިބިފައިވާ މީހުން ނެތުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށެވެ. ނަމަވެސް މި ޚިދުމަތް ފެށުމަށް ހަމަޖެއްސުމާއެކު މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްވެސް މިހާރު ފަށާފައިވާކަމަށް ނައިބް ރައީސް ވިދާޅުވެއެވެ.

"ޚާއްސަކޮށް މިދާއިރާއަށް ބޭނުންވާ އެކި އެކި ހުނަރުވެރި މީހުން ބިނާކުރުމަށްޓަކައި މިހާރު އެ މަސައްކަތް ފަސާ ކިޔެވުމަށްޓަކައި އެ ދަރިވަރުން ވަނީ ރާއްޖެއިން ބޭރަށްވެސް ފޮނުވާލަފައި. ސަރުކާރުގެ އަމާޒަކީ އެކި ދާއިރަތަކަށް ބޭނުންވަ މީހުން ބިނާކުރުން." ނައިބްރައީސް ފައިޞަލް ނަޞީމް ވިދާޅުވެއެވެ.

ނައިބް ރައީސް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީ ކުރެވިގެންދާއިރު އެ ހޮސްޕިޓަލްތަކަށް ބޭނުންވާ އެކި އެކި ސްޕެޝަލިސްޓްުން އުފެއްދުމަށް ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މެންޓަލް ހެލްތްގެ ދާއިރާއިންވެސް މިހާރު ސްކޮލަޝިޕްތަކަށް ހުޅުވާލާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.