ޚަބަރު

ޢަރަބިއްޔާ ސްކޫލު އައު އިމާރާތް އެޅުމަށް ބައު ޖަމާލުއްދީން ހުސްކުރަނީ


އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާ ޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް އެޅުމަށްޓަކައި އެ އިމާރަތް ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ސްކޫލް ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ޢަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒު ހުރި، ބައު ޖަމާލުއްދީނުގައެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހަފްތާ ބަންދުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް ރައީސުލްޖުމްހޫރޮއްޔާގެ އޮފީހުން އަންގަވާފައިވާކަމާށެވެ. އިމާރާތުގައި އިލެކްޝަންސް ކޮމިޝަންގެ ގިނަ އަދަދެއްގެ ސަމާނު ހުރުމުން އެތަކެތި ވަގުތީގޮތުން ޢަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. ނަމަވެސް އެއިދާރާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިވަގުތަށް މަސައްކަތްކުރާނެ ތަނެއް ނެތްކަމަށާއި، ތަނެއް ހޯދުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަމަށެވެ.

އެގޮތުން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ، އޮފީސް ހިންގޭނެ ވަރުގެ ޖާގައެއް ހޯދުމަށް ކަމަށާއި، އެމަސައްކަތް ކޮމިޝަނުން މިހާރުވެސް ކުރަމުންދާކަމަށެވެ. ކުރިއަށްވެސް އިންތިޚާބުތަކެއް ހުރުމުން، އިންތިޚާބުތަކާބެހޭ ކަންކަން މިވަގުތު ކޮމިޝަންގެ މައި އިދާރާގައި ކުރުމަށް ނިންމާފައިވާކަމަށް ހަސަން ވިދާޅުވިއެވެ.

ބައު ޖަމާލުއްދީނަކީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ހުރިހާ ފައިލްތަކައި، ހަރުމުދަލެއް ހުރި އިމާރާތް ކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި އިންތިޚާބާއިބެހޭ މުހިންމު ތިން ސެކްޝަނެއްގެ މަސައްކަތްވެސް ކުރިއަށްދަނީ ބައު ޖަމާލުއްދީނުގައިކަމަށް ހަސަން ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް މިއޮތީ މިހުކުރު ހޮނިހިރުގައި އެތަން ކޮންމެހެންވެސް ހުސްކުރަން މަޖުބޫރުވެފަ. އަޅުގަނޑުމެންވެސް ގަބޫލުުކުރަން ވަރަށް ގިނަ ދަރިވަރުންގެ މަސްލަހަތާއި ގުޅުން އޮތް ކަމެއްގައި ސަރުކާރުން ތަންހުސްކުރުމުގެ މަސައްކަތް ކުރިއަށް އެގެންދަވަނީ. ވަރަށް އަވަހަށް އެތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި. އަޅުގަނޑުމެން މިހާރު މިކުރަނީ އެމަސައްކަތް." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އަލްމަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދުނުމުގެ ގޮތުން ބާޖަމާލުއްދީނުގެ ބިމުގައި ޖާގަ ތަނަވަސް އައު ޢިމާރާތެއް ހަދަން ސަރުކާރުން ނިންމަވާފައިވަނީ މިދިޔ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިގޮތަށް ނިންމެވިކަން ރައީސް ޢިއުލާންކުރެއްވީ ޢަރަބިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ޢަރަބިއްޔާގެ ދަރިވަރުން އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެސްކޫލުގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށްވާތީއެވެ.