ވިޔަފާރި

ޖެނުއަރީމަހު ގްރީން ޓެކްސް ފައިސާ އެންމެ ގިނައިން ލިބުނީ ކ އަދި އދ އަތޮޅުން


މިދިޔަ ޖެނުއަރީމަހުގެ ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނީ ކ.އަތޮޅުންނާއި އދ.އަތޮޅުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 95.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖެނުއަރީމަހު އެންމެ ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ޖެނުއަރީމަހު 30 މިލިއަން ރުފިޔާވަނީ ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އދ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 3 ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ 7.7 މިލިއަން ރުފިޔާއާއެކު ރ.އަތޮޅުންނެވެ.

ގްރީން ޓެކްސްގެ ގޮތުގައި ކ. އަތޮޅުން 30 މިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެތެރެއިން 29 މިލިއަން ރުފިޔާއަކީ ރިސޯޓުތަކުން ލިބިފައިވާ ފައިސާއެވެ. އަދި ބާކީ އެއް މިލިއަންއަކީ ކ.އަތޮޅުގައި ހިންގާ ގެސްޓުހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ.

އެންމެ މަދުން ގްރީން ޓެކްސް ލިބުނު އަތޮޅުތަކަކީ ފުވައްމުލައް ސިޓީ އާއި، ތ.އަތޮޅު އަދި ފ.އަތޮޅުންވެ. ފުވައްމުލައް ސިޓީއަށް ލިބުނީ 5984 ރުފިޔާއެވެ. ތ.އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 344301 ރުފިޔާ ލިބިފައިވާއިރު، ފ. އަތޮޅުން ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 378417 ރުފިޔާއެވެ. އެހެން ބައެއް އަތޮޅުތަކަށް ބަލާލާއިރު، އއ.އަތޮޅުން 6.5 މިލިއަން ރުފިޔާ، ޅ. އަތޮޅުން 5.9 މިލިއަން ރުފިޔާ، ރ. އަތޮޅުން 7.7 މިލިއަން ރުފިޔާ، ދ. އަތޮޅުން 7.7 މިލިއަން ރުފިޔާ އަދި ނ. އަތޮޅުން 5.9 މިލިއަން ރުފިޔާ ޖެނުއަރީމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވެއެވެ.

ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެމީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.