އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ މަސައްކަތުގެ ފޭސް 2 އަދި 3ގެ ޚިދުމަތް ދިނުމަށްވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ މަސައްކަތުގެ ފޭސް 2 އަދި 3ގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ.
މި އެއްބަސްވުމުގެ ދަށުން ޕަބްލިކް ފެރީ ނެޓްވޯކްގެ ޚިދްމަތްފެށުމަށް ބޭނުންވާ އުޅަންދުތައް ބަނުމާއި އެހެނިހެން ޢުމްރާނީ ވަޞީލަތްތައް ޤާއިމްކުރުން ހިމެނެއެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ސަބަބުން ގިނަ ވަޒީފާތަކެއް ފަހިވެ، އިޤްތިސާދީ ގޮތުން މުޅި ރާއްޖެ ގުޅާލުމަށް މަގުފަހިވެގެން ދާނެއެވެ.
މި ޚިދުމަތުގައި ޒޯން 2، 3،،5،4 އަދި 6 ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްތައް ފަށާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިގޮތުން ޒޯން 2 ގައި ހިމެނެނީ ނ،ރ،ބ، އަދި ޅ އެވެ. ޒޯން 3 ގައި ހިމެނެނީ ކ،އއ،އދ، އަދި ވ އަތޮޅެވެ. ޒޯން 4 ގައި ހިމެނެނީ މ،ފ،ދ،ތ، އަދި ލ. އަތޮޅެވެ. ޒޯން 5 ގައި ހިމެނެނީ ގއ އާއި އދ އަތޮޅެވެ. މީގެ އިތުރުން ޒޯން 6 ގައި ހިމެނެނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ.
އެމްޓީސީސީން ވިދާޅުވީ ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި ޒޯންތަކަށް ޚިދުމަތް ދިނުމަށް ޖުމްލަ 65 ލޯންޗު އުފައްދާ ތައްޔާރު ކުރާނެކަމަށެވެ. އަދި މި ޚިދުމަތް ހަފްތާއަކު 7 ދުވަހު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ލޯންޗްތަކަކީވެސް އެއާކޯން ކޮށް ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭނެ ގޮތަށާއި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނެގޮތަށެވެ. އެމްޓީސީސީން ވިދާޅުވީ ލޯންޗްގައި ފާޚާނާއާއި ލަގެޖް ބެހެއްޓޭނެ ޖާގަވެސއ ހުންނާނެކަމަށެވެ.
MTCC has signed a service agreement with @MoNPHImv towards implementation of phase 2 and phase 3 of “Integrated National Public Ferry Network” Project. CEO @adamazim signed on behalf of MTCC and Ms. Zeeniya Hameed, PS, signed on behalf of the Ministry. pic.twitter.com/7xxYe9HqlJ
— MTCC Plc (@MTCCPlc) April 14, 2022
މި ފިޔަވަހިތަކުގައި ރަށްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޖުމުލަ 149 ޓާމިނަލް އެޅުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ޒޯން ޓާމިނަލްގެ ގޮތުގައި 5 ޓާމިނަލްއާއި 31 ފެރީ ޓާރމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހެދުމަށް ހަމަޖެހިފައިވެއެވެ.
މުޅި ރާއްޖެއަށް ޕަބްލިކް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ހައި ސްޕީޑް ފެރީ ނިޒާމުގެ ދަތުރުތައް މިމަހުގެ ތެރޭގައި ރަސްމީކޮށް ފެށުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ފަށާ މި ޚިދުމަތުގެ ދަށުން ހައި ސްޕީޑް ފެރީ މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ހުރިހާ ރަށްތަކެއް ގުޅާލުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޓްރާންސްޕޯޓް ލިންކްގެ ދަށުން އެންމެ ފުރަތަމަ މަރުޙަލާގައި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގައެވެ. މީގެތެރެއިންވެސް އެންމެ ފުރަމަ ފަށައިގަތުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުގައެވެ. ހދ.އަތޮޅުގައި ޤާއިމުކުރާ ޓާމިނަލްތަކުގެ ތެރެއިން ކުޅުދުއްފުށީ ޓާމިނަލްގެ މަސައްކަތްވަނީ ނިމިފައެވެ. ހަނިމާދޫގައި ޓާމިނަލްގައި މިހާރު ކުރިއަށްދަނީ ފަރުނީޗަރު ހަމަކުރުމުގެ މަސައްކަތެވެ.
ފެރީ ދަތުރުތައް މި މަހު ހދ. ގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު ހއ. އަދި ށ. އަތޮޅުގެ މި ޚިދުމަތް މެއި ނުވަތަ ޖޫންމަހު ފެށޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ.އަތޮޅުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ 40 ޓާމިނަލްއެވެ. މީގެތެރެއިން މައި 8 ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި 30 ޓާމިނަލަކީ އެތަންތަނުގެ ސްޓްރަކްޗަރ ކުޅުދުއްފުށީގައި ތައްޔާރުކޮށްގެން ގެނެސް ރަށްރަށުގައި ރާވާގޮތަށް ހަމަޖައްސާފައިވާ ޓާމިނަލްތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.
ޤައުމީ ފެރީ ޚިދުމަތް ފެށުމަށްވަނީ ރާއްޖެ 6 ޒޯންއަކަށް ބަހާލާފައެވެ. ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން އެކެއްގެ 3 އަތޮޅުގައި ޚިދުމަތް ފެށުމަށް 17 ފެރީއެއް ވަނީ ބަނދެފައެވެ.