އިޖުތިމާޢީ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ތ. އަތޮޅުގެ ކައުންސިލުން އެ އަތޮޅު ރަށްތަކަށް 1 ލައްކަ ރުފިޔާ ފައިސާގެ އެހީގެ ގޮތުގައި ދީފިއެވެ.
މި ފައިސާ ދީފައިވަނީ އެ އަތޮޅު ކައުންސިލްގެ މަޝްވަރާ ކުރުމަށްފަހު އަތޮޅުގައި މީޙުން ދިރިއުޅޭ 13 ރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ތ.އަތޮޅުގެ ރަށްތަކުގައި އިޖްތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަތޮޅު ކައުންސިލުގެ ބަޖެޓުން ވަނީ ކޮންމެ ރަށަކަށް 1 ލައްކަ ރުފިޔާ ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 1.3 މިލިޔަން ރުފިޔާގެ ފައިސާ ރަށްރަށުގެ ކައުންސިލާ ހަވާލުކޮށްފައިވަކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. މި ފައިސާ ދީފައިވަނީ މިިދިޔަ މަހުގެ ނިޔަލަށް ރަށްރަށުގައި ކުރިއަށްގެންދާނެ މަޝްރޫއުތަކުގެ މައްޗަށް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށައެޅުމުންނެވެ.
މިގޮތުން މި ފައިސާތައް ދީފައިި ހުރީ ދެމެހެއްޓެނިވި އަދި ފައިދާ ކުރަނިވި ގޮތަކަށް ރަށުގައި އުފެދޭ ކުނި މެނޭޖް ކުރުމަށާއި ބަނދަރު ތަރައްޤީ ކުރުމަށާއި ބަނދަރުގައި މަސްކަނޑާ ތަނެއް ހެދުމަށެވެ. މީގެ އިތުރުން ސިއްޙީ މަރުކަޒު ލެބޯޓަރީ އިމާރާތްކުރުމަށާއި ހިނަވާގެ އެޅުމަށާއި މަގުބައްތި ސޯލަރ ލައިޓަށް ބަދަލުކުމަށްވެސް ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މި އެހީގެ ދަށުން ބީޗް ތަރައްޤީ ކުރުމަށާއި ސްކޫލްގެ ތަަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުތަކާއި ކުޑަކުދިންގެ ޕާކް ހެދުން ފަދަ މަޝްރޫއުތަކަށްވެސް ފައިސާ ދީފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އިބްރާހީމް ނަޞީމް ވިދާޅުވީ ރަށްތަކަށް ފައިސާގެ އެހީތެރިކަންް ފޯރުކޮށްދިނުމަށް ނިންމީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށެވެ. ރަށްތަކުގެ ކައުންސިލަށް މި ފައިސާ ބޭނުންކުރެވޭނީ ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް އެކަނިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށު ކައުންސިލަށް ހަވާލުކޮށްފައިވާ ފައިސާއަކީ މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ތެރެއިން ތ.އަތޮޅުގެ ފިހާރައަށް މިއަހަރު ކުލީގެ ގޮތުގައި ލިބުނު 2.5 މިލިޔަން ރުފިޔާގެ ތެރެއިން ދިން ފައިސާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތ.އަތޮޅު ކައުންސިލުން ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލަމުން ގެންދާނެކަމަށާއި މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ޚަރަދު ކުރި ގޮތުގެ ތަފްސީލް އަތޮޅު ކައުންސިލްއަށް ހުށައަޅަން ޖެހޭނެކަމަށްވެސް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.