މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ޕޮލިސް ކުލަބުގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދައިފިއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ލީގު ބުރުގައި ހޯދި ފުރަތަމަ މޮޅާ އެކު ދިވެހި ސިފައިންގެ ކުލަބު އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. އެެއީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެގެން ހޯދި ހަ ޕޮއިންޓާ އެކުގައެވެ. ލީގު ބުރުގައި މިހާތަނަށް ޕޮލިހުން ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ސިފައިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ފާރޫގްއެވެ.
ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ހަމަލާ އުފެއްދި ސިފައިން ޓީމުންގެ ކެޕްޓަން އަހުމަދު ޝާމިން (ބާއްޕެ) ފޮނުވާލި ބޯޅައެއް ގޯލުގެ މަތީ ދަނޑީގައިވެސް ޖެހުނެވެ.
ސިފައިން ޓީމުން ފަސޭހަކޮށްލައިގެން ތިއްބައި، ޕޮލިހުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މުހައްމަދު ލަތީފްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ނާޒިމްއެވެ.
ސިފައިންގެ ޓީމުން ވަނީ ދެވަނަ ހާފު ކުރީކޮޅު ލަނޑު ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ފަޒާލްއެވެ.
މި މުބާރާތުގެ މެޗެއް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއެވެ.