ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު އެއްލައްކަ ހަތްދިހަ ނުވަ ހާހުން މައްޗަށް އަރައިފިއެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 އިން 23 އަށް 288 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ކޯވިޑް ފެތުރޭ ނިސްބަތް ރާއްޖޭގައި ދަށްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިންވަނީ ކޮންމެ ދުވަހަކު ރިޕޯޓުކުރުން ހުއްޓަލާ ހަފްތާއަކު އެއްފަހަރު ތަފާސްހިސާބު ޢާއްމުކުރަން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން ހާމަކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު ޕޮޒިޓިވްވެފައިވާ 288 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 37 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވާ 205 މީހެކެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުން ވަނީ 46 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ ޢަދަދުވަނީ 179،171 އަށް އަރާފައެވެ.
ކޯވިޑް ފެތުރެން ފެށިފަހުން ފާއިތުވެދިޔަ ދެއަހަރުތެރޭގައި ރާއްޖެއިން މިބައްޔަ އެއްލައްކަ ހަތްދިހަ ހަތްހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު މިބަލީގައި ރާއްޖެއިންވަނީ 298 މީހަކު ނިޔާވެފައެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއެކު ރާއްޖޭގައިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކޮށްފައެވެ. 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޢިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވަނީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތައްވަނީ އުވާލާފައެވެ. އެހެންނަމަވެސް ރައްކާތެރިކަމަށްޓަކާ މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.