ޚަބަރު

ޢީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ


މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ ވަކި ވަގުތެއްގައި މާލޭގައި ހިނގާފައި އުޅޭގޮތަށް ކަނޑައަޅާ ވެހިކަލް ދުއްވުން ހަތަރު ގަޑިއިރަށް މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޢީދު ދުވަހުގެ ހަވީރު ހަވީރު 4 އިން ރޭގަނޑު 8 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެކަމަށެވެ. އަދި މިވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ލިބޭނީ ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތަކަށް އެކަނިކަމަށެވެ.

ޢީދު ދުވަހު ހަވީރުގެ ވަގުތު ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމުގެ އިތުރަށް ވަޅު ޢީދު ދުވަހު ހެނދުނު 9:00 އިން ފެށިގެން އެ ރޭގެ 7:00 ޖެހުމާއަށް ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދުކުރުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ދަށުން ބަންދުކުރާ ސަރަހައްދަކީ މާފަނުން ރަސްފަނު ހިމެނޭ ސަރަހައްދެވެ. އެގޮތުން މަޖީދީމަގުން ފެށިގެން ރަސްފަނުން ކުރިމަތިން އުތުރަށް ގޮސް ކުރީގެ ވެސްޓްޕާކު ހުރި ހުސާބަށް ބޮޑުތަކުރުފާނު މަގު ވެހިކަލްތަކަށް ބަންދުވާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގެ ހުޅަނގު ފަރާތުން އެންމެ ބޭރު މަގުގައި ވަޅު ޢީދުދުވަހު ބަންދުކޮށް ވެހިކަލް ދުއްވުން މަނާކޮށްފައިމިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން އެދުވަހު ބާއްވާ ކުޑަކުދިންގެ ހަވީރަށް ފުރުސަތުދިނުމުގެ ގޮތުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ވަގުތުތަކުގައި މަގުމަތީގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ޢީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ މާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ވަގުތުތަކެއްގެ ގޮތުގައި ހަމަޖައްސައެވެ. މިގޮތަށް ހަމަޖައްސަނީ ޢީދު ދުވަހުގެ ހަވީރުގެ ވަގުތުތަކަކީ ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ގިނަ އަދަދެއްގެ ބަޔަކު ތަންތަނަށް ދާން ބޭނުންވުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ބޭނުމުގައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދުދުވަހަކީ މި ފެށޭ މެއި މަހުގެ 2 ވާ ހޯމަދުވަހެވެ.