ޚަބަރު

ކުނި ކުދި ކުރާނެ އާލާތްތައް ރަށްރަށަށް ފޯރުކޮށްދެނީ


ކޮންމެ ރަށެއްގައި އުފެދޭ ކުނި ކުދި ކުރުމަށް އެކަން ކުރާނެ އާލާތްތައް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވަނީ ރަށްރަށުގައި އަލަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޭސްޓް ސެންޓަރުތައް ހުންނާނެ ގޮތުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައާ ގުޅޭގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކައުންސިލްތަކުގެ އެންމެ ބޮޑު ޒިންމާއަކީ ރަށު ލެވެލްގައި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް މަސައްކަތް ކުރުން ކަމަށެވެ. މިގޮތުން ގޭބިސީތަކުން ކުނި ނަގާއިރު ވަކިކޮށްގެން ކުނި ނެގުމަށް އިސްކަން ދިނުމަށް މިނިސްޓަރ ޝައުނާ އެދިވަޑައިގެންނެވިއެވެ.

މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި އުފެދޭ ކުނި ގެންދިޔުމުގައި ދިމާވާ މައްސަލަތައްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އަލަށް އަޅާ ސެންޓަރުތައް ހުންނާނީ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި ގެންގޮސް، ވަކިކޮށް ރައްކާކުރެވޭނެ ގޮތަށްކަމަށެވެ. އަދި ކޮންމެ ރަށަކަށްވެސް ކޮމްޕެކްޓް ބޭލަރއަކާއި ބިއްލޫރި ކުދި ކުރާނެ މެޝިނަކައި ލަކުޑިފަދަ ތަކެތި ކުދި ކުރާނެ މެޝިނެއް ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރަށް ކޮންމެ ރަށަކަށްވެސް ކުނި އުފުލުމަށްޓަކައި ވެހިކަލްއއެއް ފޯރުކޮށްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ޒޯންތަކަށް ބަހާލައިގެން ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވައިރު ނ.ރ.ބ.ޅ އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ގެންދާނީ ރ. ވަންދޫގައި ޤާއިމްކޮށްފައިވާ ރީޖަނަލް ވޭސްޓް ފެސިލިޓީއަށެވެ. ހއ.ހދ.ށ އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ޓްރާންސްފަރ ކުރާނީ ހދ. ކުނބުރުދޫއަށެވެ. އަދި ކ.އއ.އދ ވ.މ.ފ.ދ.ތ.ލ ގެ ހުރިހާ ރަށްތަކުން އުފެދޭ ކުނި ގެންދާނ ތިލަފުއްޓަށެވެ. މީގެ އިތުރަށް ގއ.ގދ ފުވައްމުލަށް އައްޑޫ ސިޓީގެ ކުނި ގެންދާނީ އައްޑޫގައި ޤައިމްކުރާ ރިޖަނަލް ވޭސްޓް ފެސިލިޓީއަށެވެ.

ރާއްޖޭގައި ހުރިހާ ރަށެއްގައި އެންމެ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރެވޭ ނިޒާމެއް އަދި ޤާއިމްވެފައެއް ނުވެއެވެ. އަދި ކުނި އެޅުމަށް ވަކި ޚާއްޞަ ސަރަަހައްދެއްވެސް ބައެއް ރަށްރަށުގައި ކަނޑައަޅާފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ގިނަ ރަށްތަކަށް ވަނީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި އެއް އަހަރު ދުވަހުގެ ތެރޭގައި ކުނި މެނޭޖުކުރާނެ ސަރަހައްދެއް ކަނޑައަޅުން ލާޒިމުކުރާގޮތަށް ކުނި މެނޭޖުކުރުމުގެ ބިލުގައި މިހާރު ވަނީ ހިމަނާފައެވެ. މީގެއިތުރުންވެސް މި ބިލުގައި ކުނި މަދުކުރުމަށް އެކުލަވަލާ ސިޔާސަތުތަކާއި ކުނި މެނޭޖުކުރުމަށް ޤައުމީ ޕްލޭން އެކުލަވާލުމާއި ގުޅޭ ސިޔާސަތުތަކާއި، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުތަކާއި، ކުނީގެ ސަބަބުން ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުކުޑަކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ކުންޏާއިބެހޭ މައުލޫމާތު އެއްކޮށް، ރެކޯޑް ބަލަހައްޓާއި އޮޑިޓްކުރެވޭނެ އިންތިޒާމް ކަނޑައެޅުމާއި، މި ޤާނޫނާ ޚިލާފުވެއްޖެނަމަ ދޭނެ އަދުބުތައްވެސް ވަނީ ބަޔާންކޮށްފައެވެ.