މި ސަރުކާރުގެ ދައުރު ނިމޭއިރު މުޅި ރާއްޖޭގައި 68.30 މެގަވޮޓްގެ ސޯލަރ އިތުރުކުރެވޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވެއެވެ.
ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުވާ ލައްވައި މިނިސްޓަރ ވިދާޅުވެފައިވަނީ މި ސަރުކަރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އިންސްޓޯލް ކޮށްފައި އޮތީ 16 މެގަވޮޓްގެ ސޯލަރ އެނާޖީކަމަށެވެ. އެހެންމަވެސް މި ސަރުކާރުގެ މިވީ އަހަރުތަކުގައި ޖުމުލަ 36 މެގަވޮޓު ސޯލަރ ހަރުކުރެއްވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއހަރު ނިމޭއިރު 41.50 މެގަވޮޓުގެ ސޯލަރ އިތުރު ކުރެވޭނެށާއި މި ސަރުކާގެ ދައުރު ނިމޭއިރު ޖުމުލަ 68.30 މެގަވޮޓުގެ ސޯލަރ އިންސްޓޯލްކޮށް ބޭނުން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ޕީކް ޑިމާންޑުގެ %26އަށް ސޯލަރ އިންސްޓޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްކަމަށް ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގެ އުފެއްދުންތެރި ކަމުގެ %10 ހޭދަކުރަނީ ތެޔޮ އެތެރެކުރުމަށް ކުރާ ހޭދައަށެވެ. މިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޢިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ކަމަށެވެ. މިއާއެކު ރާއްޖެއިން ބޭރުވާ ފައިސާ މަދުކޮށް ރައްޔިތުން ކަރަންޓަށް ކުރާ ޚަރަދުވެސް ކުޑަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން އެއަށްދޭ ސަބްސިޑީ އތުރު ކުރުން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ ވަދާޅުވީ އިޢާދަކުރަނިވި ހަކަތައިގެން ސަބަބުން ކަރަންޓްގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކުން ކުރަންޖެހޭ ޚަރަދުވެސް ކުޑަވާނެކަމަށެވެ. އަދި ރަށްރަށުގައި ސޯލަރ ހަރުކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކަށްވެސް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ދަނީ ރާއްޖޭގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް، ބިޔަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޯޓުގެ ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫޢެވެ.
މި މަޝްރޫޢު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހިންގާ އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި މިއަހަރުގެ މާޗުމަހު ވަނީ ސޮއިކޮށްފައެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ ޗައިނާއާއި މެލޭޝިޔާއަށް ނިސްބަތްވާ ކުންފުންޏަކާއެވެ.