ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ޕޮލިސް ކުލަބާއި، ކުލަބު ވެމްކޯ ދަތުރުކޮށްފިއެވެ.
އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން ހޯދި ވެމްކޯއިން ސެމީގެ ޖާގައެއް ހޯދީ، ގްރޫޕް އޭ ގައި އެ ޓީމުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ވެމްކޯ އާއި ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. މި މެޗު ސީދާ ތިން ސެޓުން ވެމްކޯއިން ވަނީ ކާމިޔާބުކޮށްފައެވެ. ހިންމަފުށި ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ، 25-7، 25-11 އަދި 25-4 އިންނެވެ.
މީގެ އިތުރުން އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކުލަބުން ސެމީގެ ޖާގަ ކަށަވަރުކުރީވެސް ގްރޫޕް ބީގައި އެ ޓީމުން ކުޅުނު ތިން މެޗު ކާމިޔާބުކޮށްގެންނެވެ. ރޭ އެ ޓީމުން ކުޅުނު މެޗު ކުލަބު ހާފް ލައިން ލިންކޭޖާއި ބައްދަލުކޮށް ވަނީ 3-1 ސެޓުން ކާމިޔާބުކޮށްފައެވެ.
ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތަށް ނުކުތް ޕޮލިސް ކުލަބުން މި މެޗުގެ ފުރަތަމަ ދެ ސެޓު ފަސޭހަކަމާއެކު، 25-8 އަދި 25-3 އިން ކާމިޔާބުކުރި ނަމަވެސް، ތިންވަނަ ސެޓު ހާފް ލައިން ލިންކޭޖުގެ ފަރާތުން ތަފާތު ރޫހެއްގައި ކުޅެ 25-23 އިން ވަނީ ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ސެޓު ޕޮލިހުން ވަނީ 25-5 އިން ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުރިއަށް ހުރިއިރު، ހުކުރު ދުވަހުގެރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ އަލްމާ ސްޕޯޓްސް ކުލަބާއި ޔޫތު ނިއު ޖެނެރޭޝަނެވެ. އެރޭ ކުޅޭ ފަހު މެޗުގައި ކުލަބު އީގަލްސް ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާއި ދެކޮޅަށެވެ.