ކުޅިވަރު

އަންހެން ތަށި ދިލް މިލްކުކުރިއިރު، ފިރިހެން ޗެމްޕިއަންކަން ދުންޔާޒަށް


މިހާރު ކުރިއަށްދާ ނުވަވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އަންހެން ސިންގަލްސްގެ ތަށި ކަސްޓަމްސް ރެކްރިއޭޝަން ކުލަބްގެ އާމިނަތު ހަލީމް (ދިލް) މިލްކުކުރިއިރު، ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުޙައްމަދު ދުންޔާޒް ހޯދައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ފެށި އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޑިިވިޝަނުގައި 15 އޮފީހެއް އަދި އަންހެން ޑިވިޝަނުގައި ފަސް އޮފީހެއް އަންނަނީ ވާދަކުރަމުންނެވެ. އަދި މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ ބައިގައި 15 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ސިންގަލްސްގައި ވާދަކުރީ ނުވަ ކުޅުންތެރިންނެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ދިލް ހޯދީ ފައިނަލުގައި ދިރާގުގެ އާމިނަތު ލީނާ ބަލިކޮށްގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ދިލް ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ.

މީގެ އިތުރުން މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދުންޔާޒް ހޯދީ ފައިނަލުުގައި އެމްޑަބްލިއުއެސްސީގެ އަލީ ނިމާލް ބަލިކޮށްގެންނެވެ.

މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޓީމު އިވެންޓުގެ މެޗުތައް ފަށާނީ ހުކުރު ދުވަހުއެވެ. އަދި ޓީމު އިވެންޓުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިފަހަރުގެ އިންޓަ އޮފީސް ބިލިއާޑް މުބާރާތަކީ ފެންވަރުގެ ގޮތުން ބަލާއިރު، މިހާތަނަށް ކުޅޭވޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މުބާރާތަށް ވާނެކަމަށް ބިލިއާޑް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.