ކުޅިވަރު

ޓީސީއަށް ފަސޭހަ މޮޅެއް، ޔޫވީ އާއި ސަސް އެއްވަރު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބުން ފަސޭހަކަމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މުބާރާތުގެ ކުޅުން ފަށާފައިވަނީ ބުރާސްފަތި ދުވަހެވެ. މި މުބާރާތުގައި ކުރިން އަށް ޓީމު ބައިވެރިވެފައިވީ ނަމަވެސް، ކުލަބު ގްރީން ސްޓްރީޓްސްއިން މުބާރާތުގައި ބައިވެރިނުވާން ފަހުން ވަނީ ނިންމާފައެވެ. އެހެންކަމުން ގްރީން ސްޓްރީޓްސް ހިމެނޭ ގްރޫޕް ބީގައި މިހާރު ހިމެނޭ ޓީމުތަކަކީ ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ، މާޒިޔާ، ޓީސީ، ސަސް އަދި ޔޫވީއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓީސީގެ މުޙައްމަދު ޖުލާން ޝަފީއު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ދެން ޖަހައިދިނީ މުޙައްމަދު އައިލަމް އަބްދުﷲ އާއި، ޔޫސުފް އާއިޝް މުޙައްމަދުގެ އިތުރުން މާކިން އިބްރާހީމްއެވެ. މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ރިޒާން މުޙައްމަދާއި އަލީ އުމްރާން އުމަރެވެ.

މީގެ އިތުރުން މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ސަސް އާއި ޔުވީ ބައްދަލުކުރިއިރު، އެ މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިފައިވަނީ ސަސް އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މާނިއު ނާސިރުއެވެ. މެޗުގެ ދެވަނަ ހާފުގައި ޔޫވީއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުއިރު، ޔޫވީން ނަތީޖާ އެއްވަރުކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަރުޝަދު ސަލީމްއެވެ.

16 އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޯބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، ސައުދީ އާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕުގައި އޮތީ އިންޑިއާ އާއި، މިޔަންމާ އަދި ކުވޭތެވެ.