ޚަބަރު

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ޚާއްސަ ދުވުމެއް


ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ދުވުމެއް ފުވައްމުލައް ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައި ކުރިއަށްގެންގޮސްފިއެވެ.

ދުނިޔޭގެ ތިމަވެށީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އޮންލީ ވަން އާރތް-ލިވިން ސަސްޓެއިނަބްލީ އިން ހާމަނީ ވިތް ނޭޗަރ"އެވެ.

މިއަހަރުގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން މިއަދު 06:30 ގައެވެ.

“އޮންލީ ވަން އާރތް ރަން"ގެ ނަމުގައި ކުރިއަށް ގެންދިޔަ ދުވުމުގައި ފުވައްމުލަކު ސިޓީގެ މޭޔަރާއި އެކި މުއައްސަސާތަކުގެ މީހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ދުވުމުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރު އެޅުމާއި ތިމާވެއްޓާމެދު އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ދުވުމެއްކަމަށެވެ. މި ދުވުމުގައި 250 މީހުން ރަޖިސްޓްރީވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. މީގެއިތުރުން މި ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިޔަކަށް ތިމާވެއްޓާއި ރައްޓެހި ސާމާނުތައް ހިމެނޭ ގިފްޓް ޕެކެއް ވަނީ ދީފައެވެ.

މި ދުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހަކަދައްކަވަމަުން ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤް ވަނީ ތިމާވެށި ހިމަޔާތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން އުފައްދާ ކުނި މަދުކުރުމާއި ސިންގަލް ޔޫސް ޕްލާސްޓިކް ބެނުން ކުރުން މަދުކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމުގައި ފުވައްމުލައް ސިޓީގެ ރައްޔިތުން ނަމޫނާ ދެއްކުމަށް ރަފީޤް ގޮވާލެއްވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި މިއަދު ހަވީރު ޚާއްސަ ބައިސްކަލު ބުރެއްވެސް ފުވައްމުލައް ސިޓީގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން "ނޯ މޮޓޯ ވެހިކަލް"ގެ ނަމުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާ ގަޑިއެއްގެ ގޮތުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްގެންދާ ހަރަކާތް ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ 90 އަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ ފުވައްމުލައް ސިޓީގައެވެ.