ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ތެލަށް ދުވާލަކު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. މިއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 92 މިލިއަން ރުފިޔާއެވެ. ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖީޑީޕީގެ 20 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ޚަރަދުކުރަނީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަރަންޓާއި ، ފެނާއި ، ބޭސްފަރުވާ އަދި ހެޔޮއަގުގައި ކާބާތަކެތި ފޯރުކޮށްދެއްވުމަށް ސަބްސިޑީގެ ގޮތުގައި ދުވާލަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައެވެ. މީގެ ތެރޭގައިވެސް އެންމެ ބޮޑު ޚަރަދެއް ކުރެވެމުންދަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވުމަށެވެ. އެހެންކަމުން ތެލަށް ކުރެވޭ ޚަރަދު ކުޑަކޮށް، އެފައިސާ ރައްޔިތުންނަށް އެހެންގޮތަކަށް ޚަރަދުކުރެވޭނެ ގޮތެއް ސަރުކާރުން ހޯއްދަވަން އެބަޖެހެއެވެ. ސަރުކާރުން މިވަގުތު އަމާޒު ހިފާފައިވަނީ ތެލަށް ކުރެވޭ ޚަރަދު ކުޑަކުރައްވައި، ދުވާލުގަޑީގައި ބޭނުންކުރެވޭ ކަރަންޓް އެއީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމަށެވެ. މި އަމާޒަށް ވާޞިލްވުމަށްޓަކައި އެންވަޔަރމަންޓް މިނިސްޓްރީން ، މިހާރުވެސް އަވިން ހަކަތަ އުފެއްދެވުމަށް އެކި ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރިއަށް އެބަގެންދަވައެވެ. އަދި މިއަހަރުގެތެރޭގައިވެސް މިފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވަން ވަނީ ހަމަޖެހިފައެވެ. ބައެއް ރަށްރަށުގައި މިހާރުވެސް ދުވާލު ބޭނުންކުރެވޭ ހަކަތައިގެ 50 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައެވެ. ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރެއެވެ. ހަމަ އެއާއެކު ސަރުކާރުން ކަރަންޓް ސަބްސިޑީއަށް ވެސް މިލިއަނުން ހޭދަކުރައްވައެވެ. އެންވަޔަރުމަންޓް މިނިސްޓްރީން މިހާރު ވަނީ އަމިއްލަ ފަރާތްތަކުން އުފައްދާ އިއާދަކުރަނިވި ހަކަތަ، ނެޓް މީޓަރިން އުޞޫލުން ސްޓެލްކޯގެ ނުވަތަ އެހެން ކުންފުނިތަކުގެ ކަރަންޓް ވިއުގައާ ގުޅައިދޭ އުޞޫލު ޢާއްމުކުރައްވާފައެވެ. ނެޓް މީޓަރިން އުޞޫލަކީ، ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުގެ މީޓަރާ ގުޅާލައި، ޢިޔާދަކުރުވަނިވި ހަކަތައިން ބޭނުންކޮށްފައި އިތުރުވާ ކަރަންޓް، އެ ކުންފުނިތަކަށް ވިއްކޭނެ އިންތިޒާމްގެ މައްޗަށް އެކުލެވޭ އުޞޫލެކެވެ. އޭރުން ކަރަންޓް ބޭނުންކުރާ ތަނަށް އިޔާދަކުރުވަނިވި ހަކަތައިން ބޭނުންކޮށް އިތުރުވާ ބައި އެ ތަނެއްގެ ކަރަންޓް ބިލުން އުނިވާނެއެވެ.ބޭންކް އޮފް މޯލްޑިވްސް 500 މިލިއަން ރުފިޔާ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްތަކަށް އިންވެސްޓް ކުރުމަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.މިއީ އާއްމުކޮށް ބޭންކުން ދޫކުރައްވާ ލޯންތަކާއި ޚިލާފަށް އިންޓްރެސްޓް ކުޑަކޮށް ދޫކުރެވޭ ލޯނެކެވެ.މީގެ އިތުރުން އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ރާއްޖެ އެތެރެކުރެވޭ އެއްވެސް އެއްޗަކުން ޑިއުޓީ އެއް ނުނަގައެވެ.ވޭތުވެދިޔަ ދިހަ އަހަރަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު އެންމެ މައްޗަށް ގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. އެ އަހަރު ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ދަށްވެފައެވެ.ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު މިހާރު ދުނިޔޭގެ ބާޒާރުގައި އުޅެނީ 30 އެމެރިކާ ޑޮލަރަށް ވުރެ ދަށުގައެވެ. ނަމަވެސް ސަރުކާރުން އަދިވެސް ކަރަންޓް ސަބްސިޑީސް އަށް ކުރަމުންދާ ޚަރަދު ދަށަށް ގޮސްފައެއް ނުވެއެވެ. ދެހާސް ބާރަވަނަ އަހަރުންފެށިގެން ސަރުކާރުން އެކި ސަބްސިޑީސްތަކަށް ކުރަމުންދާ ޚަރަދު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ސަރުކާރުން ތެލަށް ހޭދަކުރާ ފައިސާ އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރަންވީ ވަގުތެވެ. އާއްމުފަރާތްތަކުން މިހާރު އަމިއްލަ ގޭގެ ކަރަންޓް އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރެވޭނެ ގޮތް ހަދައި ކަރަންޓް ބިލް ކުރަކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ. ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ތެލަށް ކަމަށްވުމާއެކު އެ ޚަރަދު ކުޑަކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާއި އަމިއްލަ ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތަކުން މިއަންނަނީ އެދެވޭ ނަތީޖާތައް ފެންނަމުންދެއެވެ. ކަރަންޓަށް ދައުލަތުގެ ބަޖެޓުން ކުރައްވާ ޚަރަދު ކުޑަކުރެވޭ ވަރަކުން ރައްޔިތުންނަށް ސީދާ ފައިދާކުރާ އެހެން ޕްރޮޖެކްޓަކަށާއި އަސާސީ އެހެން ވަޞީލަތްތަކަށް ޚަރަދުކުރެއްވުމުގެ ފުރުޞަތު ފަހިވުން އިތުރުވެގެންދާނެއެވެ. ތެލުގެ ސަބްސިޑީއަށް ސަރުކާރުން ކުރައްވާ ޚަރަދު ކުރަން ނުޖެހޭ ދުވަހަކީ ޤައުމީ ތަރައްޤީގެ ދުވެލި އަވަސްވެ ރައްޔިތުންނަށް އެހެންދާއިރާތަކުގެ މަންފާ އިތުރުވާނެ ދުވަހެކެވެ.