ކުޅިވަރު

ޕޮލިސް ބަލިކޮށް ވެމްކޯއިން ތަށި ދިފާއުކޮށްފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށްގެންދިޔަ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ޕޮލިސް ކުލަބު ބަލިކޮށް ކުލަބު ވެމްކޯއިން ތަށި ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ވެމްކޯއިން ބޮޑު ލީޑެއް ނަގައިގެން ކުޅުނު ނަމަވެސް، ސެޓުގެ ފަހު ކޮޅު ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގުކުޑަކޮށްފައެވެ. މި ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-20 އިންނެވެ.

މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ވެމްކޯގެ އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ވެމްކޯއިން ކުޅުނީ ބޮޑު ލީޑަކާއެކުގައެވެ. މި ދެ ސެޓު ވެމްކޯއިން ގެންދިޔައީ 25-16 އަދި 25-12 އިންނެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ ބުނީ، މިއީ ކުޅުންތެރިން ކުރި ބުރަ ހިތްވަރުން ކާމިޔާބު ކުރެވުނު ތައްޓެއް ކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކަށް ވެމްކޯ ނުކުންނާނީ ޗެމްޕިއަންކަން ހޯދަން ކަމަށާއި، އަމާޒަކީ ހުރިހާ މުބާރާތެއް ކާމިޔާބުކުރުން ކަމަށްވެސް ބުންޏެވެ.

ޕޮލިސް ކުލަބުގެ ކޯޗު މުޙައްމަދު ނަދީމް (ނަދީމްބެ) ބުނީ މި މުބާރާތަށް ޕޮލިހުން ގެނައި ބިދޭސީ ކުޅުންތެރިޔާގެ ފެންވަރު ދަށްކަން ފާހަގަވި ކަމަށެވެ. އެކަމަކު ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށް ނަދީމްބެ ބުންޏެވެ.

އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހައްވާ ރާޝިދާ، އައިޝަތު ޝަހާ ޝާމިން، މަރިޔަމް އަޒުމާ އަދި ވެމްކޯގެ އަރީޝާ، ހައްވާ ނާޒިމާ، ސިލްމާ ޒާހިރު އަދި ޖޫޒާން ޒަރީރެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ. މީގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ޕަޗަރަޕޯންއެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު ނާޒިމާއެވެ.