ކުޅިވަރު

އަފްލާޒްގެ ހެޓްރިކާއެކު އީގަލްސް ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އަޙްމަދު އަފްލާޒްގެ ހެޓްރިކުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ސެމީ ފައިނަލުގެ ފަހު ޖާގަ ކުލަބު އީގަލްސްއިން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މި މެޗު އީގަލްސްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މުޙައްމަދުއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި އަފްލާޒް ވަނީ ލަނޑެއް ޖަހައި، އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭގެ މުޙައްމަދު ނަހުޒާން އަޙްމަދު ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނަހުޒާން ވަނީ އިތުރު ލަނޑެއް ޖަހާ ދަ ގްރާންޑޭއަށް ނަތީޖާ ހަމަހަކޮށްދީފައެވެ. އެކަމަކު މެޗުގެ 64 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައި އީގަލްސްގެ އަފްލާޒް ވަނީ އިތުރު ދެ ލަނޑު ޖަހއި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގައި ދަ ގްރާންޑޭއިން ކާމިޔާބުކުރި ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ކީޕަރު އަބާން އިބްރާހީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިއާއެކު 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ނިމިގެންދިޔައިރު، މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އީގަލްސް ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށެވެ. އަދި ދެވަނަ ސެމީގައި ކުލަބު ވެލެންސިއާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.