ކުޅިވަރު

ސްވިޓްޒަލަންޑް ބަލިކޮށް ސްޕެއިނަށް ފުރަތަމަ މޮޅު


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ދޭއްގައި ސްވިޓްޒަލަންޑް ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި ސްޕެއިނުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ސްވިޓްޒަލަންޑުގެ ޖެނީވާގައި ކުޅުނު މި މެޗް ސްޕެއިނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސްޕެއިނުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ދެޓީމަށްވެސް ހަމަލާ އުފެއްދިފައިވަނީ ހަމަހަމަކޮށެވެ. މި މެޗްގައި ސްޕެއިނުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިއާއެވެ. މި ލަނޑު އޮފްސައިޑް ކަމަށް ހީވި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މިމެޗްގެ ފަހު ކޮޅު ސްވިޓްޒަލަންޑަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ. އެގޮތުން އެ ޓީމުގެ ބްރީލް އެމްބޯލޯ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ދިޔައިރު، ޖިބްރީލް ސާ ފޮނުވާލި ހަމަލާ ވަނީ މަތަކޮށްފައެވެ.

މިކާމިޔާބީއާއެކު ސްޕެއިނުން މިވަނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. މީގެ ކުރިން މި މުބާރާތުގައި އެ ޓީމުން ކުޅުނު ދެމެޗް ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު ސްޕެއިނަށް ލިބިފައިވާ ފަސް ޕޮއިންޓާއެކު، އެ ޓީމު އުޅެނީ ގްރޫޕްގެ ދެވަނައިގައެވެ. ހަތް ޕޮއިންޓާއެކު އެއްވަނައިގައި އުޅެނީ ޕޯޗުގަލްއެވެ. އަދި ސްވިޓްޒަލަންޑް އުޅެނީ ކުޅުނު ތިން މެޗުންވެސް ބަލިވެ ގްރޫޕްގެ ފުލުގައެވެ.