ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ދޭއްގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލުން ކާމިޔާބުކޮށްފިއެވެ.
ޕޯޗުގަލުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލުންނެވެ. މިމެޗްގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޖާއޯ ކޮންސޭލޯއެވެ.
އަދި މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން އަނެއްކާވެސް ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕޯޗުގަލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގޮންސާލޯ ގުއެޑޭޒްއެވެ. އެކަމަކު މި މެޗްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ޕޯޗުގަލް އުޅެނީ މި ފަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް، އަދި އަނެއް މެޗް އެއްވަރުކޮށްގެން ލިބިފައިވާ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅެނީ ސްޕެއިންއެވެ. މީގެ އިތުރުން ޗެކް ރިޕަބްލިކް އުޅެނީ ތާވަލްގެ ތިންވައިގައެވެ.