ކުޅިވަރު

ރާއްޖޭގައި ބާއްވާ ރާޒުވާގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް މި މަހު އުކުޅަހުގައި


ރާއްޖޭގައި ބާއްވާ ރާޒުވާގެ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް މި މަހު އއ. އުކުޅަހުގައި ބާއްވަން ނިންމައިފިއެވެ.

ދުނިޔޭގެ ނުވަ ގައުމަކުން 180 އަށްވުރެ ގިނަ ރާޒުވާ ކުޅުންތެރިން ބައިވެރިވާ "ވެސްޓާން އޭޝިއާ ޗެސް ފެސްޓިވަލް 2022" އުކުޅަހުގައި ކުރިއަށް ދާނީ މި މަހުގެ 15 އިން 23 ގެ ނިޔަލަށެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ހޯލުގައި ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މި މުބާރާތް އަތޮޅުތެރޭގައި ބޭއްވުމަށް ނިންމީ ޒަމާނުއްސުރެ ކުޅިވަރުގެ ހަރަކާތްތައް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ. މީގެ އިތުރުން އުކުޅަހަކީ ކުރި މުއްދަތެއްގައި މިފަދަ މުބާރާތެއް ބޭއްވޭނެ ފަދަ މާހައުލެއް އޮތް ރަށެއްކަމަށާއި، އެ ރަށުގައި ގާއިމުކޮށްފައިވާ ކޮންވެންޝަން ސެންޓަރަކީ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެ ފަދަ ފެސިލިޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ މި މުބާރާތް ބޭއްވޭ ދުވަސްވަރު މޫސުން ރަނގަޅުނަމަ ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މުބާރާތެއްގައި "ބީޗް ޗެސް" ކުޅެވިގެންދާނެ ކަމަށެވެ. އަދި ބީޗް ޗެސްއާއެކު މުބާރާތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

މި އަހަރަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމަށް ނިންމާފައިވާ އަހަރެކެވެ. އެގޮތުން މިއަހަރު ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތް ރާއްޖޭގައި ކާމިޔާބުކަމާއެކު ނިންމާލައިފައެވެ. މީގެ އިތުރުން އަންނަ މަހު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ކ. މާފުށީގައި ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ބޮޑީބޯޑިންގެ ބައިނަލްއަގުވާމީ މުބާރާތެއް މިއަހަރު ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.