ކުޅިވަރު

ކްރޮއޭޝިއާ އަތުން ބަލިވެ ފްރާންސް ކަޓައިފި


ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް އެކެއްގައި ކްރޮއޭޝިއާ އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުން ކަޓައިފިއެވެ.

ފްރާންސްގައި ކުޅުނު މި މެޗް ކްރޮއޭޝިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ފަރަންސޭސި ޓީމުންނެވެ. ނަމަވެސް ޔޫރަޕްގެ ބޮޑު ތިން ލީގެއްގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ތިން ކުޅުންތެރިން ކަމަށްވާ ކަރިމް ބެންޒީމާ، ކިލިއަން އެމްބާޕޭ އަދި ކްރިސްޓޮފަރ އެންކުންކޫ ހިމަނައިގެން ފަރަންސޭސި ޓީމުން ކުޅުނު މިމެޗްގައި ކްރޮއޭޝިއާގެ ގޯލް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި ކްރޮއޭޝިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗްއެވެ.

މިނާކާމިޔާބީއާއެކު އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ފަރަންސޭސިވިލާތް މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 2 ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ. އަދި މިފަހަރުގެ ނޭޝަންސް ލީގުގެ ތަށި ދިފާއު ނުކުރެވޭނެކަން މިހާރުވަނީ ޔަގީންވެގެން ގޮސްފައެވެ.

ފަރަންސޭސި ކޯޗް ޑިޑިއަރ ޑޭޝޯމްޕް ހާމަކުރިގޮތުގައި އެޓީމަށް ދިމާވެފައިވަނީ ވަރަށް އުނދަގޫ ޖޫން މަހެއް ކަމަށެވެ. އަދި ޓީމް ތެރޭގައި އޮތް އަމިއްލަ އިތުބާރުވެސް މިހާރު ކުޑަކޮށް ދައްވެފައިވާކަމަށް އޭނާ ހާމަކޮށްފިއެވެ. މިކާމިޔާބީއާއެކު ކްރޮއޭޝިއާ މިހާރުވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިވަގުތު މިގްރޫޕްގެ އެއްވަނައިގާ އުޅެނީ ރޭ އޮސްޓްރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ޑެންމާކްއެވެ.