ކުޅިވަރު

އޮސްޓްރޭލިއާއިން ވޯލްޑް ކަޕުގެ ޖާގަ ޔަގީންކޮށްފި


މި އަހަރުގެ ފަހު ކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ޖާގައެއް އޮސްޓްރޭލިއާއިން ހޯދައިފިއެވެ.

މި މުބާރާތުން އޮސްޓްރޭލިއާ ޖާގަހޯދީ އޭއެފްސީ އާއި ކޮންމެބޯލްގެ މެދުގައި ކުޅުނު އިންޓަކޮންޓިނެންޓަލް ޕްލޭ އޮފްގައި ޕޭރޫ އާއި ބައްދަލުކުރި މެޗް އެއްވަރުވެ، ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕޭރޫއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އޮސްޓްރޭލިއާއިންނެވެ. މިމެޗްގައި އޮސްޓްރޭލިއާގެ ތަރިއަކަށް ވެގެންދިޔައީ ޕެނަލްޓީ ޖަހަން ގާތް ވެފައިވަނިކޮށް ކުޅެން އެރުވި ބަދަލު ކީޕަރ އެންޑްރޫ ރެޑްމޭންއެވެ. މިމެޗް އޮސްޓްރޭލިއާ ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑުންނެވެ. މިއީ ރެޑްމޭން އޮސްޓްރޭލިއާ ޓީމަށް ކުޅުނު ތިންވަނަ މެޗެވެ. އަދި އޭނާވަނީ ޕޭރޫގެ އެލެކްސް ވަލޭރާ ޖެހި ފަހު ޕެނަލްޓީ މަތަކޮށްފައެވެ. މިއީ ވާރލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވި ފަސްވަނަ ފަހަރެވެ. އަދި 2006 ވަނަ އަހަރަށް ފަހު ބާއްވަމުން އަންނަ ހުރިހާ މުބާރާތަކަށް އޮސްޓްރޭލިއާ އަންނަނީ ކޮލިފައިވަމުންނެވެ. މިކާމިޔާބީއާއެކު ކުރިއަށް އޮތް ވާރލްޑް ކަޕްގައި އޮސްްޓްރޭލިއާ ހިމެނިގެންދާނީ އެންމެފަހުގެ ޗެމްޕިއަން ފަރަންސޭސިވިލާތާއި ޑެންމާކް އަދި ޓީއުނީޝިއާ އާއެކު ގްރޫޕް ޑީގައެވެ.

ވާރލްޑް ކަޕްގެ އެންމެ ފަހު ޖާގަ ކަށަވަރު ވެގެންދާނީ މާދަމާ ކޮސްޓަރީކާ އާއި ނިއުޒީލަންޑް ބައްދަލުކުރާ މެޗާއެކުއެވެ. އެމެޗުން މޮޅުވާ ޓީމެއް ވެގެންދާނީ މިފަހަރުގެ 32 ވަނަ ޓީމަށެވެ. މިމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޤަތަރުގެ އަހްމަދު ބިން އަލީ ސްޓެޑިއަމްގައެވެ.