ޚަބަރު

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން، އިންޑިއާގެ ސަފީރުކަމަށް ޝަހީބު


ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް ހ.ރުވާމާގޭ އަހުމަދު ތަސްމީން އަލީ އަދި ދިވެހި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމުގެ މަޤާމަށް އިބްރާހީމް ޝަހީމް އައްޔަންކުރެއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ، ތަސްމީން އަލީއަކީ ޑީއާރުޕީގެ ލީޑަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރުކަމުގެ މަޤާމަށް ތަސްމީން އައްޔަން ކުރައްވަނީ އެމަޤާމުގައި މިހާރު ފުރުއްވަމުންދާ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބްގެ ބަދަލުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމުގައި ހުންނެވި ހުސެއިން ނިޔާޒުގެ ބަދަލުގައި އެ މަގާމަށް އިބްރާހިމް ޝަހީބް ހަމަޖެއްސުމަށް ނިންމަވައި ރުހުން ހޯއްދެވުމަށްވެސް މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އަދި މެލޭޝިއާގެ ހުސްވެފައިވާ މެލޭޝިއާގެ ސަފީރު ކަމުގެ މަޤާމަށްވެސް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވާފައެވެ. މިމަޤާމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވި ނަންފުޅަކީ ހ.މާލެތި، އަލީ ހުސެއިންގެ ނަންފުޅެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން މިއަހަރުގެ އޭޕްރީލް މަހު ވިސާމް އަލީވަނީ އިސްތިއުފާ ދެއްވާފައެވެ. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހެންވޭރު އާޒާދެވާދީ ވިސާމް ޢަލީ ޢައްޔަން ކުރައްވާފައިވަނީ 26 މާރިޗު 2019 ގައެވެ.