ކަރަންޓް މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާ މިމަސް ނިމުމުގެ ކުރިން މީޓަރު ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފްކުރަން ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ފަށައިފިއެވެ.
މިއީ ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރ ޓެސްޓްކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިގޮތުން، މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް، މި މަސް ނިމުމުގެ ކުރިން ތަޢާރަފް ކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
އެ ކުންފުނިން ވިދާޅުވީ މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށްވުރެ އެތައް ގުނައެއް އަގު ހެޔޮވެގެންދާނެކަމަށެވެ. އަދި މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
ފެނަކައިގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ޚިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ގޮތެއްގައި ޙައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރީގައި ޚިދުމަތްދެމުން އައި ޔުޓިލިޓީ ކުންފުނިތައް އުވާލާ ފެނަކަ ކޯޕަރޭޝަން އުފައްދާފައިވަނީ 2012 ވަނަ އަހަރުއެވެ. އެކުންފުނިން އަންނަނީ އަތޮޅުތެރޭގެ 160އަށްވުރެ ގިނަ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.