ކުޅިވަރު

ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާނީ ހަމްނާ، އާން، ސައުސަން އަދި މުބާލް


ހަންގޭރީގެ ބުޑަޕެސްޓުގައި ފަށާ "19 ވަނަ ފީނާ ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްސް 2022" ގައި ރާއްޖެ ތަމްސީލުކުރާ، ހަމްނާ އަޙްމަދާއި، އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހީމް އަދި މުޙައްމަދު އާން ހުސެއިން މުބާރާތަށް ފުރައިފިއެވެ.

ބުޑަޕެސްޓުގައި މި މުބާރާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތަށް ދިޔަ ރާއްޖޭގެ ޓީމު އެކުލަވާލާފައިވަނީ ކުޅުންތެރިން ހޮވުމަށް ބޭއްވި ޓައިމް ޓްރަޔަލަށްފަހު އޭގެން އެންމެ ރަނގަޅު ނަތީޖާ ނެރުނު ފެތުންތެރިންނެވެ.

މި މުބާރާތުގައި ބައިވެރިވި ދިވެހި ފެތުންތެރިން ވަނީ މީގެ ކުރިންވެސް ދުނިޔޭގެ މުބާރާތުގައި ފަތައި، ކުރިއެރުންތަކެއް ހޯދައިފައެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުނުނީ ހަމްނާ، ސައުސަން، އާން އަދި އިމްއާންއެވެ. އެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރެއިން ވަނީ ނުވަ ރެކޯޑެއް އާކޮށްފައެވެ.

މި ފަހަރު ގައުމީ ސްކޮޑުގައި ހިމެނި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސައުސަން އަކީ ތަޖުރިބާކާރު ފެތުންތެރިއެކެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކޮށްފަ އެވެ. އެންމެ ފަހުން ވާދަކުރި ފަހަރުތަކުގައި ވެސް ސައުޝަންގެ ޓައިމިން ތަކަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.