ކުޅިވަރު

ވިއެއިރާ އާސެނަލަށް ވިއްކާލަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްއަށް ފާބިއޯ ވިއެއިރާ ވިއްކާލުމަށް ޕޯޗުގަލްގެ އެފްސީ ޕޯޓޯ އެއްބަސްވެއްޖެއެވެ.

މިގޮތުން ޕޯޓޯއިން ވިއެއިރާ ވިއްކާލަން އެއްބަސްވެފައިވަނީ 40 މިލިއަން ޔޫރޯގެ އަގަކަށެވެ.

ޕޯޓޯއިން އާންމުކުރި ބަޔާނެއްގައިވާގޮތުން އާސެނަލްއިން އެންމެ ފުރަތަމަ ވިއެއިރާއަށް ދައްކާނީ 35 މިލިއަން ޔޫރޯގެ އަގެކެވެ. އަދި ބާކީ ބަޔަކީ ފަހުން އެއްކުރެވޭ އަގުތަކަކެވެ. އުމުރުން 22 އަހަރުގެ ވިއެއިރާ އަދި މިހާތަނަށް ޕޯޗުގަލްގެ ސިނިއަރ ޓީމަށް ކުޅެފައިނުވި ނަމަވެސް އެންމެފަހުން ބޭއްވި 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އޭނާވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މިދިޔަ ސީޒަންގައި ޕޯޗުގީޒް ޕްރިމެއިރާ ލީގުގައި އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާއަކީ ވިއެއިރާއެވެ. ވިއެއިރާ ވެގެންދާނީ ކުރިއަށް އޮތް ސީޒަނަށް އާސެނަލްއަށް ގެންދާ ތިންވަނަ ކުޅުންތެރިޔާ އަށެވެ. އަނެއް ދެ ކުޅުންތެރިންނަކީ އެމެރިކާގެ ކީޕަރ މެޓް ޓަރނަރ އާއި ބްރެޒިލްގެ ފޯވަޑް މާކީނިއޯސްއެވެ.