ކުޅިވަރު

ބިސޮއުމާ ޓޮޓްނަމަށް ސޮއިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅޭ ޔިވެސް ބިސޮއުމާ ޓޮޓްނަމް ހޮޓްސްޕަރއަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ބިސޮއުމާ ސްޕަރސްއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބިސޮއުމާއަކީ ސްޕަރސްއިން އާސީޒަނަށް އެކްލަބަށް ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ފްރީ ޓްރާންސްފަރގެ ދަށުން ސްޕަރސްއިންވަނީ ކީޕަރ ފްރޭސަރ ފޮސްޓަރ އާއި އިވާން ޕެރިސިޗް ގެންގޮސްފައެވެ. ބިސޮއުމާގެ ޖުމްލަ އަގު 25 މިލިއަން ޕައުންޑަށް އަރާނެކަމަށް ވަނީ ބެލެވިފައެވެ. ބިސޮއުމާ ބްރައިޓަން އާއި ގުޅިފައިވަނީ 2018 ވަނަ އަހަރު ފްރެންޗް ލީގް އާންގެ ކްލަބް ލީލް އިންނެވެ. އަދި މިހާތަނަށް އެކްލަބަށް ވަނީ 124 މެޗް ކުޅެދީފައެވެ.

ސްޕަރސްއިން ވަނީ ބިސޮއުމާ ސޮއިކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް މަސައްކަތް ކޮށްފައެވެ. ބިސޮއުމާވަނީ މިނިމުނު ސީޒަންގައި ބްރައިޓަން އަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓަރ ހާމަކުރިގޮތުގައި މިއީ ކުޅުންތެރިޔާއަށް ވަރަށް ރަނގަޅު ނިންމުމަކަށް ވާނެކަމަށް ގަބޫލް ކުރާކަމަށެވެ. އަދި މިކަމުން ކްލަބަށްވެސް ފައިދާ ވެފައިވާކަމަށް އޭނާ ހާމަކުރިއެވެ.

ބިސޮއުމާ ކުރިން ހާމަކުރިގޮތުގައި އޭނާ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށާއި ނަމަވެސް އަދި ބްރައިޓަން ދޫކޮށްލަން ބޭނުން ނުވާކަމަށެވެ. ސްޕަރސް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވުމުން ބިސޮއުމާއަށް އެމުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.