އައްޑޫ ސިޓީ ހިތަދޫގައި އުޅަނދު ބޭނުންކޮށްގެން ކާބޯތަކެތީގެ ޚިދުމަތް ނުދެވޭނެ ސަރަހައްދުތައް ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ވިދާޅުވީ އާންމު މައިދާންތަކާއި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ސަރަޙައްދުތައް ކަނޑައަޅަން ނިންމީ އެކަމަށް ގިނަ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި ހުއްދަ އަކާއި ނުލައި ކާނާ ވިއްކޭނެ ކަމަށެވެ.
* އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ވަށައިގެންވާ ސަރަޙައްދު
* ހިތަދޫ އަވަށުގެ މިސްކިތްތަކުގެ ކުރިމަތި
* ހިތަދޫ އަވަށުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ މުއައްސަސާ އަދި ސްކޫލްތަކުގެ ކުރިމަތި
* ހިތަދޫ އަވަށުގެ ގާޑިޔާ ވިޔަފާރި ކުރަމަށް ކަނޑައެޅި އަދި މިހާރުވެސް ހުއްދަ ދެވިފައިވާ ސަރަޙައްދުތައް
* ހިތަދޫ އަވަށުގެ ސައިހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ކުރިމަތި
* ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނު މަގުގެ 60 ބޯޑު ޖަހާފައިވާ ބާރަށް ދުއްވާ ސަރަހައްދު
* ހިތަދޫ އަވަށުގެ މަގުތަކާއި ދުވާރުމަތީގައި
މި ޤަވާއިދުގެ ދަށުން، މަގުމަތީގައި މޭޒު ބަހައްޓައިގެންވެސް މި ސަރަހައްދުތަކުގައި ވިޔަފާރި ނުކުރެވޭނެއެވެ. މިއާއެކު މިހާރުވެސް މިފަދަ ވިޔަފާރިތަކަށް ހުއްދަ ދީފައިވާ ތަންތަނުގެ ކުރިމަތީވެސް މި ޤަވާއިދުގެ ދަށުން ވިޔަފާރިއެއް ނުކުރެވޭނެއެވެ.
އައްޑޫސިޓީ ކައުންސިލުން މީގެ ކުރީން ވަނީ ގާޑިޔާ ވިޔަފާރިވެސް ކައުންސިލުގެ ހުއްދައާއި ނުލާއި ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. އަދި ގާޑިޔާ ވިޔަފާރި ވަކި ސަރަހައްދެއްގައި ކުރުމަށް ނިންމައި، ގާޑިޔާތައް ރަޖިސްޓްރީ ކުރުމަށް އޭރު ކައުންސިލުން އެންގިއެވެ.
އައްޑޫގައި މިވަގުތު އުޅަނދުފަހަރުގައި ކާބޯތަކެތި ވިއްކާ ފަރާތްތައް ހަރަކާތްތެރި ނުވިނަމަވެސް އެކަމަށް ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.