ޚަބަރު

ކޯވިޑް ފެތުރުން އިތުރުވަނީ: މާސްކް އެޅުމަށާއި ދަތުރު ކުރުމުގައި ސަމާލުވޭ


މިދުވަސްވަރު ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކްއެޅުމަށާއި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ އެޗްޕީއޭއިން ނެރުނު ނޫސްބަޔާނުގައިވަނީ މިދުވަސްވަރު ދުނިޔޭގެ އެކި ޤައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައިވަނީ %185މައްޗަށްގޮސްފައެވެ. މީގެ އިތުރުން ކޯވިޑްޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާމީހުންގެ އަދަދު އިތުރުވެފައިވާ މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން 3 މީހުން ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އެޗްޕީއޭއިން ވަނީ މިދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ މީހުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުތައްކޮށް އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ ކޯވިޑާއި އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އާއްމު ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސް ކުރައްވާފައެވެ.

އާއްމު ފިޔަވަޅުތައް

* ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކް އެޅުން. ޚާއްސަކޮށް ހައި ރިސްކް މީހުންނާއި ކުޑަކުދިން އަދި މަސައްކަތުގެ ގޮތުން ގިނަ ފަރާތްތަކާއި ބައްދަލުވާ ފަރާތްތަކުން އާއްމު ތަންތާގައި މާސްކް އަޅައިގެން އުޅުން.
* ސިއްޙީ ޚިދުމަތް ދޭ ތަންތަނަކީ ހައި ރިސްކް މީހުން ގިނަ ތަނަކަށްވުމާއެކު ބަލިމީހުންނާއި ސްޓާފުންގެ ރައްކާތެރިކަމަށްޓަކައި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެހީތެރިން އަބަދުވެސް މާސްކް އެޅުން.
* ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކްއަޅައި ގޭގައި އެކަހެރިވުން އަދި ވީ އެންމެ އަވަހަކަށް ކޯވިޑަށް ޓެސްޓް ކުރުން.
* ސިއްހީ ޚިދުމަތްދޭ ތަންތަނަށް ދާ ބަލިމީހުންނާއެކު ދާ އެހީތެރިން މަދުކުރުން އަދި މިތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށް. ޚާއްސަކޮށް އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ޒިޔާރަތްކުރުން މަދުކުރުން.
* އާއްމު ތަންތަން ޤަވާއިދުން ސާފުކޮށް ޑިސްއިންފެކްޓް ކުރުން އަދި އަތް ސާފުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން
* ކޯވިޑް އަދި އިންފުލުއެންޒާ ވެކްސިންގެ ޑޯޒްތައް ވީ އެންމެ އަވަހަށް ފުރިހަމަކުރުން

ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން

* ދަތުރުގެ ކުރިން ދަތުރުކުރާ ޤައުމު ނުވަތަ ރަށުގެ ކޯވިޑްގެ ހާލަތު ރަނގަޅަށް ދެނެގަތުން އަދި ކޯވިޑްގެ ހާލަތު ގޯސް ރަށްރަށާއި ޤައުމުތަކަށް ދަތުރު ކުރުން ލަސްކުރުން. ޚާއްސަކޮށް ބަލީގެ ނުރައްކާބޮޑު ފަރާތްތައް ގޮވައިގެން ދަތުރު ކުރާނަމަ ކޮންމެހެން ދާންޖެހޭ ދަތުރުތައް ނޫނީ ނުކުރުން.
* ދަތުރު ކުރުމުގެ ކުރިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުން.
* ދަތުރު ކުރުމުގެ ކުރިން ދާ ޤައުމުގެ ކޯވިޑް ޓެސްޓާއި ވެކްސިން ޖެހުމުގެ އުޞޫލްތައް ރަނގަޅަށް ބެލުން.
* ދަތުުރުކުރުމުގެ ކުރިން ވެކްސިން ސެޓްފިކެޓް ހެއްދުން
* ބަލީގެ އަލާމާތެއް ހުރިނަމަ ކޯވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުކުރުން.
* އިންޝުއަރަންސް ނެގުން

އެއްވުންތަކާއި ހަފްލާތައް ބާއްވާއިރު ސަމާލުކަން ދޭންވީ ކަންކަން

* ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް ފިޔަވައި އެހެންކަންކަން ލަސްކުރުން
* ކޮންމެހެން ބާއްވަންޖެހޭ ހަފްލާތަކުގައިވެސް ވީހާވެސް މަދު މީހުން ބައިވެރިކުރުމާއި އޮންލައިންކޮށް ބޭއްވޭ އިވެންޓްތައް ބޭއްވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކީ އިވެންޓްތައް ކުރިއަށް ގެންދިޔުން.
* ޚިތާނީތައް ބޭއްވުމުގައިވެސް ގިނަ މީހުން އެއްފަހަރާ އެއްނުވާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން

އެޗްޕީއޭއިިން ވަނީ މިކަންކަމުގެ އިތުރަށްވެސް ކޯވިޑް ވެކްސިންއާއި އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މި ބަލިން ރައްކާތެރިވުމަށާއި ބަލިޖެހުނަސް ބޮޑުވަރު ނުވުމުގެ އެއް ވަޞީލަތްކަމަށްވުމުން ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.