ޚަބަރު

ރާޤީ: ޙައްޖާޖީންގެ އެންމެ ޒުވާން އިސް މުދީރު


ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަކީ ކޮންމެ މީހަކަށް ފަސޭހައިން ލިބޭނެ ފުރުޞަތެއް ނޫނެވެ. އެކަމަށްޓަކައި ދިގުދަތުރެއް ކުރަން މިޖެހެނީ ބޮޑު ހޭދައަކާއެކުއެވެ. އަނެއްކޮޅުން ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ސަރުކާރުން ދޫކުރަމުން އަންނަނީ ވަކި ޢަދަދެއްގެ ކޯޓާއެކެވެ. އެ އަހަރަކު ލިބޭ ކޯޓާއިން ޙައްޖަށް ދިއުމުގެ ފުރުޞަތު ނުލިބިއްޖެނަމަ މި ޖެހެނީ ދެން އަންނަ އަހަރަކަށް މަޑުކުރާށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ މީހަކަށް ފުރުޞަތު ނުލިބޭއިރު ޙައްޖުވެރިންނަށް ޚިދުމަތް ކުރުން ނުވަތަ ޙައްޖުވެރިންގެ ޒިންމާތައް އުފުލައިގެން ހުންނާނެ މީހަކަށް ވުމަކީވެސް ކޮންމެ މީހަކަށް ފަސޭހައިން ލިބޭނެ ފުރުޞަތެއް ނޫނެވެ. މިކަމަށް ބޭނުންވަނީ ޙައްޖުވެރިންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތް ކޮށްދޭނެ ހިތްހެޔޮ ހިތްވަރުގަދަ މީހެކެވެ.

ރާއްޖޭގައިވެސް އެކި ޖަމާއަތްތަކުގެ ހަވާލުގައި ޙައްޖަށްދާ މީހުންނަށް އެހީތެރިވުމަށް އެކި އުމުރުފުރައިގެ މީހުން ހަރަކާތްތެރިވެއެވެ. ޒުވާން އުމުރުން ފެށިގެން ޙައްޖާއި ޢުމުރާއާ ގުޅުން ހުރި މަސައްކަތްތަކަށް ވަގުތު ހުސްކުރާ މީހުންވެސް އެބަތިއްބެވެ.

ޙައްޖުވެރިންގެ ވިސާގެ ކަންތައްތައް ހަމަޖެއްސުމާއި، ޙައްޖުވެރިން ނުވަތަ އުމްރާވެރިންގެ ދަތުރުފަތުރުގެ އިންތިޒާމްތަކާއި ހުރުމުގެ އިންތިޒާމްތަކުން ފެށިގެން އެނބުރި ޤައުމަށް އަންނަންދެން ހުރިހާ ޒިންމާއެއް އުފުލަނީ ޙައްޖުވެރިންގެ އެހީތެރިންނެވެ. އޭގެތެރޭގައި ޙައްޖާއި، އުމްރާވެރިއަކު ގެއްލިއްޖެނަމަ އެމީހުން ހޯދުމާއި، ނިޔާވެއްޖެނަމަ ކުރަންޖެހޭ ހުރިހާ މަސައްކަތާއި މިހެންގޮސް އެތައް ކަމެކެވެ.

އުމުރުން 30 އަހަރުގައި ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޒިންމާ ކޮނޑުގައި އަޅައިގެން އެ މަސައްކަތް ކުރަން ފެށި ޢަބްދުﷲ ރާޤީ ރަޝީދަކީ ޙައްޖުވެރިންނާއި ޢުމްރާވެރިން ގޮވައިގެން އެންމެ އިސް މީހެއްގެ ގޮތުގައި މައްކާއަށްދާ އެންމެ ޒުވާން މުދީރެވެ.

އޭނާގެ އެންމެ ފުރަތަމަ ޙައްޖު ދަތުރަކީވެސް ޙައްޖުވެރިން ގޮވައިގެން އެންމެ އިސް ލީޑަރުގެ ގޮތުގައި ޙައްޖަށް ދިޔަ ދަތުރެވެ. އެއީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް އައިއިރުވެސް ރާޤީ މަސައްކަތް ކޮށްފައިވަނީ ޙައްޖުވެރިން ނުވަތަ ޢުމްރާވެރިންގެ ޚިދުމަތުގައި އެއްވެސް ވަރުބަލިކަމެއްނެތި، ކެތްތެރިކަމާއި ހިނިތުންވުމާއެކުއެވެ.

ރާޤީ - ޒުވާން އުމުރުގައި މުދީރެއްގެ މަސައްކަތް ފެށީ ވަރަށް ކުރާ ހިތުން

މުދީރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ކުރިން ރާޤީ ކިޔަވަމުން ގެންދިޔައީ މެލޭޝިއާގައެވެ. ކިޔަވަން އުޅުނު ދުވަސްވަރުވެސް އޭނާ އެންމެ ދާހިތްވާ ތަނަކީ މައްކާއާއި މަދީނާއެވެ. މައްކާ މަދީނާއަށް، ޚާއްސަކޮށް އެތައް ބައެއްގެ ބެލެނިވެރިއެއްގެ ގޮތުގައި ދެވޭނެކަމަކަށް އޭނާ އެއްގޮތަކަށްވެސް އުއްމީދެއް ނުކުރެއެވެ. އެހެންނަމަވެސް މައްކާ މަދީނާއަށް ދިއުމުގެ ހުވަފެން ހަޤީގަތަކަށް ވުމުގެ ކުލަވަރު ޖެހެން ފެށުނީ 2013 ވަނަ އަހަރު ކިޔަވާ ނިންމުމަށްފަހު އެނބުރި މާލެ އައި ހިސާބުން ފެށިގެންނެވެ.

ރާޤީ ބުނިގޮތުގައި ޢުމްރާވެރިންނާއި ޙައްޖުވެރިން ގޮވައިގެން މައްކާ، މަދީނާއަށް ދިޔުމުގެ މަގު ފަހިވެގެން ދިޔައީ 2014 ވަނަ އަހަރު ވަރަށް ގާތް ބަޔަކު ޙައްޖު، ޢުމްރާގެ މަސައްކަތް ކުރުމަށް ބުނި ހިސާބުންކަމަށެވެ. އެގޮތުން އެކަމަށްޓަކައި ވަކި ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރީއެވެ. ދިވެހިން މިއަދު ދަންނަ އަލްޙަރަމައިން ޙައްޖު އެންޑް އުމްރާ ޤުރޫޕް އުފެދިގެން އައީ އެހާ ހިސާބުންނެވެ.

އަލްޙަރަމައިން ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ހުރެ ކުންފުނީގެ މަސައްކަތްތައް 2015 ވަނަ އަހަރު ފެށިއެވެ. އެއަށްފަހު 2016 ވަނަ އަހަރު ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދަން ފެށިއެވެ. އެއީ ރާޤީގެވެސް އެންމެ ފުރަތަމަ ޙައްޖެވެ. މުޅިން ތަފާތު ތަޖުރިބާތަކެކެވެ. އުނދަގުލާ ހާސްކަމުގެ ތެރެއިންވެސް އެއައްވުރެ ކުރާ ހިތްވާ މަސައްކަތެއް އޭނާއަކަށް ނެތެވެ.

ރާޤީގެ އެންމެ ބޮޑު ޗެލެންޖަކަށްވީ ޙައްޖުމަހުގެ އެންމެ މުހިއްމު 5 ދުވަހުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ. އޭނާ އަލަށް ޙައްޖަށް ދިޔައިރުވެސް ދިޔައީ 200 އެއްހާ ޙައްޖުވެރިންނާއި ޙަވާލުވެގެންނެވެ.

ކޯވިޑް-19އާއި ޖެހެންދެންވެސް ޙަރަމައިން ގްރޫޕްގެ ހަވާލުގައި ޙައްޖަށާއި ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ދިޔަ ދިވެހިންނަށް ޚިދުމަތް ކުރުމުގެ އެންމެ އިސްސަފުގައި ހުރީ ރާޤީއެވެ. ޙައްޖާއި ޢުމްރާވެރިންގެ ހޮޓާތައް ހަމަޖެއްސުމާއި ދަތުުރުފަތުރާއި، ކެއުމުގެ ކަންކަން ހަމަޖެއްސުމުގެ އިތުރުން ޙައްޖުވެރިންނަށް ބޭނުންވާ އެހެނިހެން ހުރިހާ މަސައްކަތްތަކެއް ރާޤީ ކުރެއެވެ. މިހުރިހާ ކަމެއް ހަމަޖެއްސުމުގެ އިތުރަށް ރާޤީއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލަކީ ޢުމްރާވެރިއެއް ނުވަތަ ޙައްޖުވެރިއަކަށް ޚިދުމަތެއް ދިނުމުން އެމީހުންގެ ފަރާތުން ލިބޭ ޝުކުރުގެ ބަސްތައް ކަމަށް ރާޤީ ވިދާޅުވިއެވެ.

ރާޤީއަކީ މިހާރު ހަމަ އެކަނި ޙައްޖާއި ޢުމްރާވެރިންގެ އިންތިޒާމްތައް ހަމަޖައްސާ މީހެއް ނޫނެވެ. ރާޤީ މިހާރު އަންނަނީ ޙައްޖާއި ޢުމްރާގެ ވިސާގެ ކަންތައްތަކުގެ އިތުރުން ސަޢުދީ އަރަބިއްޔާގެ ހުރިހާ ކެޓަގަރީގެ ވިސާ ޖެހުމުގެ މަސައްކަތްތައް ކޮށްދެމުންނެވެ. އެގޮތުން ބިޒްނަސް، ކޮމަރޝަލް ވިސާއާއި ސްޓޫޑެންޓް ވިސާ ހިމެނޭހެން 22 ކެޓަގަރީގެ ވިސާ ޖަހާދިނުމުގެ މަސައްކަތުގައި ރާޤީ ހަރަކާތްތެރިވެއެވެ. އަދި ޝެންގަން ވިސާ ޖަހައިދިނުމުގެ މަސައްކަތުގައިވެސް ރާޤީ ހަރަކާތްތެރިވެއެވެ.

2017 ގައި ކުރެވުނު ދަތުރު، ހަނދާނުން ފޮހެލަން އުނގަދޫ ތަޖުރިބާއެއް

ޙައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުވެސް މުސްލިމުންގެ ތެރެއިން އެތައް ބަޔަކު ސަޢުދީއަށް ޖަމާވަމުން ގެންދެއެވެ. ކޮންމެ އަހަރުވެސް 2 މިލިޔަނަށްވުރެ ގިނަ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް އެ ޤައުމަށް އެތެރެވަމުން އަންނައިރު ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަމުންގެންދަނީ އެ ޤައުމެއްގެ ޙައްޖުވެރިންނަށް ވީހާވެސް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

ހަމަ މިފަދައިން ރާއްޖެއިން ޙައްޖަށްދާ މީހުންނަށްވެސް ފަސޭހައިން ޙައްޖުވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ފަހުން ވެދާނެ ކަމެއް އަންދާޒާ ކުރަން އެނގޭނީ ވަކި ކާކަށްތޯއެވެ. ޙައްޖުގެ އިންތިޒާމްތައް ކޮންމެ އަހަރަކުވެސް ފުރިހަމައަށް ހަމަޖެއްސި ނަމަވެސް އެންމެ ފަހު ވަގުތުނަމަވެސް ކޮންމެވެސް ކަންތައްތަކަކާ ކުރިމަތިލާންޖެހިދާނެއެވެ.

މީހުން ގެއްލުމާއި މީހުން ނިޔާވުމުގެ އެތަކެއް ހާދިސާތަކެކެވެ. ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަނުޖެހިގެން އަރަފާތު ބިމަށް ލަހުން ދެވުމާއި، އެ މާތް ބިމަށް ނުދެވުމުގެ ހާދިސާތަކެވެ. މިއީ ދިވެހިންނަށް ކުރިމަތި ނުވި ކަންކަމަށްވީ ނަމަވެސް މާޒީގައި ޙައްޖުގައި ހިނގާފައިވާ ކަންތައްތަކެވެ.

ރާޤީގެ ޙައްޖުގެ ދަތުރުތަކުގައިވެސް މިފަދަ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. މީގެ ތެރެއިންވެސް ރާޤީ ހަނދާނުން ފޮހެލަން އެންމެ އުނދަގޫވަނީ 2017 ވަނަ އަހަރުގެ ޙައްޖެވެ.

ރާއްޖެ ނޫނަސް ގިނަ ޤައުމުތަކެއްގެ ޙައްޖުވެރިންނަށް އަރަފާތު ބިމަށް ދިއުމުގައި އެއަހަރު ދަތިތަކާ ކުރިމަތިލާންޖެހުނުކަން ރާޤީ ފާހަގަކުރިއެވެ. ރާޤީ ބުނީ އެފަހަރު ހައްޖު ކޯޕަރޭޝަނާއެކު ދިވެހި އަމިއްލަ 3 ގްރޫޕްގެ ހަވާލުގައި ޙައްޖަށް މީހުން ގޮސް ތިބިކަމަށެވެ. ޙައްޖުވެރިން މިނާގައި އެއް ފޭލިގެއެއްގައި ތިބުމަށްފަހު އެކުގައި އަރަފާތަށް ދާން ބެލިއިރު ބަސްތަކެއް ނާދެއެވެ.

ބަސްތަކުގެ އިންތިޒާރުގައި ފަތިހުން ފެށިގެން ދިވެހި ޙައްޖުވެރިން ތިބެން ޖެހުމުން ޙައްޖުވެރިންގެ ކަންބޮޑުވުންތަކާއި މާޔޫސްކަން ފެންނަން ހުރިކަމަށް ރާޤީ ބުންޏެވެ. ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ އަރަފާތު ބިމަށް ނުދެވިދާނެކަމުގެ ކަންބޮޑުވުމުގައި އެތަކެއް ދިވެހިން އޭރު ތިއްބެވެ.

މިއާއެކު ކޮންމެ ޖަމާޢަތަކުންވެސް ވަކިވަކިން މަސައްކަތް ފެށީ އެޖަމާޢަތެއްގެ ހަވާލުގައި ގޮސްތިބި ދިވެހިން ގޮވައިގެން އަރަފާތު ބިމަށް ދެވޭތޯއެވެ. އޭރުވެސް ޙައްޖުވެރިން އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން ތިބިއެވެ. އެހެންނަމަވެސް ވަކި ހިސަބާކަށް ދިއުމާއެކު ބަސްތައް އަންނަވަރަކުން އެކި ޤައުމުތަކުގެ ޙައްޖުވެރިން ބަސްތަކަށް އަރަން ފެށިއެވެ. އަޅާލާނެ ބަޔަކު ނެތި ތިބި ޙައްޖުވެރިންވެސް އަރާރުންވެ، ތަޅައިގަންނަ މަންޒަރުތައް އެ ސަރަޙައްދުން ފެނުނު ކަމަށް ރާޤީ ބުންޏެވެ.

މަޑުމަޑުން ޙައްޖުވެރިން އަރަފާތު ބިމަށް ދާންފެށި ނަމަވެސް އެދުވަހުގެ 12 ޖެހިއިރުވެސް ޙައްޖު ކޯރޕަރޭޝަންގެ 150 އެއްހާ މީހުންނާއި، ޙަރަމައިންގެ 30 ޙައްޖުވެރިން ނުދެވި ތިއްބެވެ. އޭރުވެސް ކަމާބެހޭ ފަރާތްތަކުން ބަސްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ. އެ ދިގު އިންތިޒާރު ނިމުމަކަށް އައީ އެދުވަހު 2:30 ކަމަށް ރާޤީ ބުންޏެވެ.

އެ ދުވަހު ހުރިހާ ދިވެހި ޙައްޖުވެރިން އަރަފާތު ބިމަށް ފޮނުވުމަށްފަހު ރާޤީ ދިޔައީ އެންމެ ފަހުންނެވެ. އެހެންނަމަވެސް ދިވެހިންގެ ޓެންޓުތަކަށް އެންމެ ފަހު ގްރޫޕަށް އާދެވުނީ ހަވީރު 5:30 ހާއިރެވެ. މި ދަތުރަކީ ޙައްޖު ކޯރޕަރޭޝަނުގެ ޙަވާލުގައި ދިޔަ 100 އަށްވުރެ ގިނަ ޙައްޖާޖީން ގެއްލުނު ފަހަރެކެވެ. އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން ފެނުނީ ދެތިން ދުވަހުންކަމަށް ރާޤީ ބުންޏެވެ.

މީގެ ތެރެއިން ގިނަ މީހުން މުޛްދަލިފާއަށް ރޭކުރަންވެސް ނުދާކަމަށާއި، ޖަމްރާއަށް ހިލައުކަންވެސް ނުދެވޭކަމަށް ރާޤީ ބުންޏެވެ. ނަމަވެސް ޙަރަމައިން ގްރޫޕާއި އެއަހަރު ޙައްޖަށް މީހުންގެންދިޔަ އިތުރު ގްރޫޕުތަކުގެ މީހުންގެ ކަންކަން ބެލެހެއްޓުނުކަން ރާޤީ ފާހަގަކުރިއެވެ.

ރާޤީގެ އަމާޒަކީ އޭނާގެ ކަށީގައި ވަރު ހުރިހާ ދުވަހަކު ކޮންމެ އަހަރަކުވެސް ޙައްޖުވެރިންގެ ބެލެނިވެރިއަކަށްވެހުރެ ޙައްޖަށް މީހުން ގެންދިޔުމެވެ. ދަތިތަކާ ތަކުލީފާއެކުވެސް ދިވެހިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ އެންމެ އިސް މީހާއަށްވެ ހުރެ ނިމިގެންދިއުމެވެ.