އެމެރިކާގެ ރައްޔިތުންނަށް ހަތިޔާރު ގެންގުޅުމަށް ޤާނޫނު އަސާސީން ދީފައިވާ ހައްޤު އިތުރަށް ހަނިކޮށް، ހަތިޔާރު ގެންގުޅުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ޖޯ ބައިޑަން ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި މި ވަނީ، ބަޑި ގެންގުޅުމުގެ ހައްޤު ހަނި ކުރުމަށް އޭނާ ދާދި ފަހުން ތަސްދީޤު ކޮށްފައިވާ ބިލާ ގުޅޭ ގޮތުން ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނުރައްކާތެރި ހަތިޔާރު ގެންގުޅުން އެމެރިކާގައި ކުރިން ވެސް އޮތީ މަނާކޮށްފައެވެ. ނަމަވެސް، 2004 ވަނަ އަހަރު އެ ކަން މަނާކުރާ ޤަރާރުގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އެއަށްފަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކޮންގްރެސްއިން، ހަތިޔާރު ގެންގުޅުން މަނާ ކުރުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.
ބަޑިއާއި އެ ނޫން ވެސް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގައި ދޭ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މި ކަމާމެދު ޢާންމުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އަދި، ބައިޑަން ބޭނުން ވަނީ ހަތިޔާރު ގެންގުޅުން މަނާ ކުރުމަށް ޢާންމުންގެ މެދުގައި އޮތް ތާޢީދުގެ ބޭނުން ހިފައި، މި ކަމަށް ޤާނޫނީ ގޮތުން އޮތް ހުރަސްތައް ނައްތައިލުމަށެވެ.
ބައިޑަން ދާދި ފަހުން ތަސްދީޤު ކޮށްފައިވާ ބިލަކީ، އޭނާގެ ޑިމޮކްރެޓިކް ޕާޓީއާއި އިދިކޮޅު ރިޕަބްލިކަން ޕާޓީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. ނަމަވެސް، ރިޕަބްލިކަން ޕާޓީއަކީ ޢާންމުންނަށް ހަތިޔާރު ގެންގުޅުމުގެ ހައްޤު އިތުރަށް ފުޅާކުރަން ވަކާލާތު ކުރަމުންދާ ޕާޓީއެކެވެ. މިއީ، އެމެރިކާގައި ފާއުތިވި 30 އަހަރުގެ ތެރޭގައި މިފަދަ ބިލެއް ފާސްކުރި ފުރަތަމަ ފަހަރެވެ.
މި ބިލު ތަސްދީގު ކުރުމުގެ އުފާ ފާޅު ކުރުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ބައިޑަންއާއި އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސްގެ އިތުރުން ބިލު ފާސް ކުރުމަށް ވޯޓު ދިން ކޮންގްރެސްގެ މެންބަރުންނާއި، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ދާދި ފަހުން ދީފައިވާ ބަޑީގެ ހަމަލާތަކުގައި މަރުވި މީހުންގެ ޢާއިލާތަކުގެ މެންބަރުން ބައިވެރިވިއެވެ.