ޚަބަރު

ލާމާފަރު ފެސްޓިވަލް: ކިޔައިދިނީ ކަނޑުގެ ދިރުންތަކުގެ މުހިއްމުކަން


  • މިއީ ސިކްސް ސެންސަސް ލާމުން އިންތިޒާމުކުރި ފެސްޓިވަލެއް

  • ތަފާތު އެކި ތީމްތަކަށް ސްޓޯލްތައް ވަނީ ތައްޔާރުކޮށްފައި

ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާމެދު އާންމުން ހޭލުންތެރިކުރުވުމަށް ސިކްސް ސެންސް ލާމުން އިންތިޒާމް ކޮށްގެން "ލާމަފަރު ފެސްޓިވަލް" ބާއްވައިފިއެވެ.

މި ފެސްޓިވަލަކީ، ލާމު އަތޮޅުގެ ރަށްތަކުގެ ކައުންސިލުތަކާއި، ޖަމްޢިއްޔާތައް ހިމެނޭހެން 11 ފަރާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު ޙަރަކާތެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސިސް ސެންސަސް ލާމުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ކޯރޑިނޭޓަރ އާއިޝަތު ފިތުރާ ފަޒީލް ބުނީ، މި އަހަރުގެ ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ "ޕްރޮޓެކްޓިންގ އަވަ އޯޝަން ޓު ގެދަރ" މި ޝިޢާރުގެ ދަށުން ކަމަށެވެ. އެގޮތުން ލ. ގަމު ޙަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބޭއްވި ފެސްޓިވަލުގައި މިއަހަރުވެސް ތަފާތު ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފިތުރާ ބުންޏެވެ.

"މިއީ އަޅުގަނޑުމެން މި ފެސްޓިވަލް ބާއްވާތާ 7ވަނަ އަހަރު. ކޮންމެ އަހަރަކުވެސް ބޭއްވޭތޯ ބަލަން އެހެންނަމަވެސް ކޮވިޑާ ހެދި 3 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު މިފެސްޓިވަލް ބާއްވަނީ މި. މިއަަހަރުވެސް ވަރަށް ގިނަ އެންޖީއޯސްތަކާއި ކައުންސިލުތަކުން އަޅުގަނޑުމެންނާ އެއްކޮށް މި ފެސްޓިވަލުގައި ބައިވެރިވި. ތަރުހީބު ވަރަށް ބޮޑޭ ބުނެވޭނީ." ފިތުރާ ކިޔައިދިނެވެ.

މި ފެސްޓިވަލުގައި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ތަފާތު އެކި ތީމްތަކަށް ސްޓޯލްތައް ވަނީ ތައްޔާރުކޮށްފައެވެ. މިގޮތުން އެޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކާމެދު އާންމުން ހޭލުންތެރި ކުރުވުމުގެ މަޤުސަދުގައި ޕްރެސެންޓޭޝަންތަކާއި، މައުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާއިރު، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

"އަޅުގަނޑުމެން އަތޮޅު މެރިން ސެންޓަރުގެ ފަރާތުން މި ފެސްޓިވަލުގައި ވަރަށް ގިނަ މައުލޫމާތުތައް ދެން. އެއީ، ޓާޓަލްސް އަދި މަންތާރޭސްގެވެސް. އަދި ކުޑަކުދިންނަށް ކަމުދާ ވަރަށް ގިނަ ގޭމްސްތައްވެސް މި ސްޓޯލުގައި އެބަހުރި." އަތޮޅު މެރިން ސެންޓަރުގެ ފަރާތުން ވާހަކަ ދެއްކި އަނުމް ބުންޏެވެ.

"މިޔަރު ޖަމުއިއްޔާގެ ފަރާތުން މި ފެސްޓިވަލުގައި ތަފާތު އެކި ވައްތަރުގެ މިޔަރުތަކާބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ޕްރެޒެންޓޭޝަނެއް ކުރިއަށް ގެންދިޔައިން. އެ ޕްރެސެންޓޭޝަން ޚާއްސަ ކޮށްފައިވާނީ ފާނަ މިޔަރު ނުވަތަ ލެޕާޑް މިޔަރަށް. އެއީ، އަޅުގަނޑުމެންގެ ސްޕޮޓްއޮން ޕްރޮޖެކްޓުގެ ދަށުން." މިޔަރު ޕްރޮގްރާމުގެ ފަރާތުން ހަމްނާ ހުސެއިން ކިޔައިދިނެވެ.

ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުގެ އިތުރުން ލާމު އަތޮޅުގެ ކައުސިލުތަކުގެ ސްޓޯލްތައްވެސް ބަހައްޓާފައިވެއެވެ. މި ސްޓޯލްތަކުގެ ތެރެއިން އެރަށެއްގެ ތިމާވެއްޓާ ގުޅުންހުރި ތަންތަން ހިމާޔަތްކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތައް އާންމުންނާ ހިއްސާކޮށްފައިވާއިރު، ބައެއް ކައުންސިލުތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ތަފާތު މޮޑެލްތައްވެސް ހަދާފައިވެއެވެ.

ލާމަފަރު ފެސްޓިވަލަކީ ތިމާވެށީގެ ދާއިރާއަށް ޚާއްސަ ކޮށްގެން ބޭއްވި ފެސްޓިވަލަކަށްވިޔަސް، މި ފެސްޓިވަލުގެ ތެރެއިން ސަޤާފީ ޙަރަކާތްތަކަށްވެސް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. އެގޮތުން މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން ހުށަހަޅައިދިން "ލާމު ސަޤާފީ ހުނަރު" އަދި "ރިދަމް ބޮޑުބެރު" ގްރޫޕުގެ ފޯރިގަދަ ބޮޑުބެރުގެ ޙަރަކާތްތައް ފެނިގެން ދިޔައެވެ. އަދި ފެސްޓިވަލް ނިންމާލާފައިވަނީ، އެވޯޑު ހަރަކާތްތަކުންނެވެ.

ފެސްޓިވަލުގެ މައިގަނޑު ޙަރަކާތްތައް ފެށުމުގެ ކުރިން، ބައިވެރިވި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޚާއްޞަ ޕްރީ-ފެސްޓިވަލް ނެޓްވަރކިންގ ސެޝަނެއް "ކަނެކްޓިންގ ފޯ އަވަރ އޯޝަން" ގެ ނަމުގައި ވަނީ ބާއްވާފައެވެ. މި ސެޝަން ކުރިއަށް ދިޔައީ، ސިކްސް ސެންސަސް ލާމުގެ "ސީ ހަބް އޮފް އެންވަޔަރަންމަންޓަލް ލަރނިންގ އިން ލާމު" (ޝެލް) ގައެވެ.

މި ސެޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތިމާވެށި ރައްކާތެރިކުރުމަށާއި، މުޖުތަމަޢުގެ ލާބައަށް މަސައްކަތްކުރާ ފަރާތްތަކަށް ޚިޔާލު ބަދަލުކޮށް، ގުޅުން ބަދަހިކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން މެރިން ބައޮލޮޖީ ދާއިރާއަށް ދިވެހިން ނެރުމަށް ކުރެވިދާނެ ކަންތައްތަކާމެދު މި ސެޝަންގެ ތެރެއިން ޚިޔާލު ބަދަލުކޮށްފައިވެއެވެ.