ޚަބަރު

ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރުމުގެ މަސައްކަތް ފަށަނީ


މިދިޔަ އަހަރުގެ އޯގަސްޓްމަހު ރަސްފަރި ފަރަށް ބޯޓެއް އަރައި ލިބުނުގެއްލުމަށްފަހު އެފަރު ކުރިން އޮތްގޮތަށް ބަދަލުކުރަން މަގުފަހިކުރަން މަސައްކަތް ކުރަން ތައްޔާރުވަމުން އަންނަކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވެއްޖެއެވެ.

މިިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19ވަނަ ދުވަހު ކ.ރަސްފަރި ފަރަށް ޕެންމާ އެމްވީގެ އާގު ބޯޓެއް އަރައި އެފަރަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ.

"އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު ކ.ރަސްފަރި ފަރަށް އެރުމާ ގުޅިގެން އެބޯޓުގެ ވެރި ފަރާތް ވަނީ 154.2 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާއާއި ރަސްފަރިފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިޢާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމުލަ 10 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 154.2 މިލިޔަން ރުފިޔާ މޯލްޑިވްސް މަނިޓރަީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާކަން އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ރަސްފަރި ފަރު ކުރިން އޮތްގޮތަށް އިޔާދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ މަޢޫލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާ ކުރައްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަސްފަރި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ލިބުނު ޖޫރިމަނާގެ ފައިސާއިން ވަކި ވަރެއް އެ ފަރު އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ޚާއްސަކޮށްފައިވާކަމަށެވެ. ފަރު އިއާދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ ރަސްފަރި ފަރުގައި އަލުން މުރަކަ އިންދުމާއި އެ މަސައްކަތަށް ބޭނުންވާ އެކިއެކި ވަޞީލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

ހިމާޔަތްކޮށްފައިވާ ތަންތަނަށް ގެއްލުމެއް ލިބުމުން ކުރާ ޖޫރިމަނާއިން ލިބޭ ފައިސާއިން ފަރެއް އިއާދަކުރުމަކީ ރާއްޖޭގައި އަލަށް ކުރެވޭ މަސައްކަތެއްކަން ނައީމް ފާހަގަކުރެއްވިއެވެ. އަދި މިކަމަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ މި މަސައްކަތް އެއްކޮށް ނިންމާލުމަށް 10 ވަރަކަށް އަހަރު ނެގުމަކީ އެކަށީގެންވާކަމެއްކަމަށެވެ. މިހާރު އެ ފަރު އޮތް ހާލަތަށް ރިޔާއަތްކޮށް ނައީމް ވިދާޅުވީ އެ ފަރުގެ ބައެއް ތަންތަނުގައި ތޮރުފުމަށްފަހު ގައު ޖެހުމަކީވެސް ކުރަންޖެހިދާނެކަމެއްކަމަށެވެ.

"މިކަމާ ގުޅިގެން ސަރުކާރުން ވަނީ ރެސްޓޮރޭޝަން ޓްރަސްޓް ފަންޑެން އުފައްދާފައި. އެ ފަންޑުގައި ކަމާބެހޭ މިނިސްޓްރީތަކުގެ ބޭބޭފުޅުން ތިއްބަވާނެ. މިހާރު ވަނީ ފަރު އިޔާދަ ކުރުމަށްޓަކައި ބޭނުންވާ ސާމާނު ގަންނަން ހުށައަޅާފަ. އަދި ޕްރޮކިއުމަންޓްގެ މަސައްކަތްތައް ނިމުމުން ފަރު އިއާދަ ކުރުމުގެ މަސައްކަތްތައް ފަށާނެ" އީޕީއޭގެ ޑިރެކްޓަރ ޖެނެރަލަ އިބްރާހީމް ނައީމް ވިދާޅުވިއެވެ.

ރަސްފަރި ފަރު ކުރިން އޮތްގޮތަށް އިއާދަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނީ އީޕީއޭގެ މުވައްޒަފުންނާއި ސަރުކާރުގެ އެކި އިދާރާއްތައް ގުޅިގެންނެވެ. އަދި މިކަމުގައި އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އީޕީއޭއިން ވިދަޅުވެއެވެ.

ރަސްފަރި ފަރަކީ 1995އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. އަދި އެއީ މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދުވެސްމެއެވެ. މިފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރި ޖޫރިމަނާއަކީ މިހާތަނަށް ތިމާވެށީގެ ޤާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދި ފަހަރެވެ.

ރަސްފަރި ފަރަށް ލިބުނު ގެއްލުންމުގެ ބަދަލު ހޯދާފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 1ވަނަ ދުވަހު އޯޝަން ސަވެއަރ ނަމަކަށް ކިޔާ އުޅަނދެއް ހުޅުމާލޭގެ އިރުމަތިފަރާތު ފަރުބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަނީ އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި، އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައެވެ. މި ބޯޓަކީ ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ސަރވޭގެ މަސައްކަތަށް އައި ބޯޓެކެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ އެންމެ ބޮޑު ރައުސްމާލަކީ ދިވެހިރާއްޖޭގެ ފަރުތަކުގެ ނިޒާމެވެ. މިނިޒާމުގެ މައްޗަށް ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައިވާއިރު މިއި ފަތުރުވެރިކަމާއި މަސްވެރިކަން އެއާ ނުލައި ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ނިޒާމެއްވެސްމެއެވެ. އެހެންކަމުން މިފަދަ ކޮންމެ ފަރަކަށް އިހުމާލުވުން ނުވަތަ ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ބަދަލު ހޯދުމަށްޓަކައި މީގެ ކުރިންވެސް ޖޫރިމަނާތައް ވަނީ ކޮށްފައެވެ.